ބަހްރައިން ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ދިވެހި ރާއްޖެއާއި ބަހްރައިނާއި ދެމެދު މިހާރު އޮތް އަޚުވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅެވެފައިވަނީ، ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާނީއާ ގެ ދަޢުވަތަކަށް، ބަހްރައިންއަށް ކުރެއްވި ދަތުރުފުޅު ނިންމާވާލެއްވުމަށް ފަހު، އެކަން ހާމަކުރެއްވުމުގެ ގޮތުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ވަނީ ބަހްރައިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވާފައިވާކަމަށެވެ. އަދި މިދަތުރުގައި އެ ޤައުމުގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ބައްދަލުކުރައްވަން ފުރުސަތު ލިބުމަކީ ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައި ވެެއެވެ.
މިދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރާއި ބަހްރެއިން ސަރުކާރުގެ އިސް އެހެން ބޭފުޅުންނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެއްވިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ، މި ދަތުރުފުޅުގެ ސަބަބުން ބަހްރައިންއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ލިބިގެން ހިނގައްޖަކަމަށެވެ.
”އަޅުގަނޑަށް ޔަޤީން، މިދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ބަހްރެއިންއާ ދެމެދު މިހާރު އޮތް ވަރުގަދަ އެކުވެރިކަމުގެ ގުޅުން ބަދަހިވެގެން ދިޔަކަން.“ މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވެއެވެ.
މިމަހުގެ 11 އިން 15 އަށް މިނިސްޓަރު ޒަމީރު ބަހްރައިންއަށް ކުރި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިހާރުވަނީ މަނާމާއިން ފުރާވަޑައިގެންފަ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރު ވަނީ ބަޙްރައިންގެ ވަލީއަޙްދު، ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އަދި ބޮޑުވަޒީރު، ސަލްމާން ބިން ޙަމަދު އަލް ޚަލީފާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
މީގެ އިތުރުން، ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުލްލަޠީފް ބިން ރާޝިދު އަލް ޒަޔާންއާ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ކުރެއްވެވި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ބަޙްރައިނުގެ ފޮރިން މިނިސްޓަރ އަށް އެރުވި އެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ، އައްޝައިޚް ސަލްމާން ބިން ޚަލީފާ އަލް ޚަލީފާއާއި، މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް ޗެއަރމަން އޮފް ދަ ޓުއަރިޒަމް އެންޑް އެގްޒިބިޝަންއޮތޯރިޓީ، ފާތިމާ ބިންތު ޖަފަރު އަލް ސައިރާފީގެ އިތުރުން ބަހްރެއިން އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑާއި ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރ ޒަމީރު ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް، އަޙްމަދު ނަސީރު، ސެކްރެޓަރީ، ބައިލެޓަރަލް، ޑޮކްޓަރ ހާލާ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ، މަރްޔަމް ރީޝާ އަދި އެސިސްޓެންޓް ޑިރެކްޓަރ، މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވި އެވެ.



