ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިދާރީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޮތް މަޢުރަޒު ނުވަތަ ބުކް ފެއަރ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ 12 އިން 14 އަށް ކުރިއަށް ގެންދިޔުމަށް ހަޖެހިފައިވާ މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެމްއެންޔޫއިން ވަނީ ހުޅުވާލާފަ އެވެ. މި ފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ 14:00ގެ ކުރިން މައުރޒުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެކަމަށް އެމްއެންޔޫއިން ބުނެފައި ވެއެވެ. ބައިވެރިވެވޭނީ އެކަމަށް ކަނޑައަޅާފައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅައިގެންނެވެ.
އެމްއެންޔޫ ފޮތް މައުރަޒު ގެ ނަމުގައި ބާއްވާ މި ފެއަރ އަކީ ތަފާތު ބާވަތްތަކުގެ އެކި ފޮތްތަށް އާންމު މުޖުތަމަޢުއަށް އިޝްތިހާރުކޮށް، އެކި ދާއިރާތަކުގައި ދިވެހި ޒުވާނުންގެ މަޢުލުމާތު މުއްސަނދިކޮށް، ޢިލްމު އުގެނުމާއި ފޮތް ކިޔުމަށް ލޯބިކުރާ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި އެމްއެންޔޫއިން ބާއްވަމުން އަންނަ މައުރަޒެކެވެ.
މި މައުރަޒަކީ، ފޮތް އުފެއްދުމާއި ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ފޮތް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. މި މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ގޮނޑިއާއި މޭޒު އަދި 8×8 ފޫޓުގެ ޖާގަ ބުކް ސްޓޯލްގެ ގޮތުގައި އެމްއެންޔޫގެ ފަރާތުން މުޅިން ހިލޭ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފަ އެވެ.



