ރަޝިޔާގެ ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިކަމާގުޅޭގޮތުން މިނިސްޓްރީން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތު އޮތުމުން، އެ މިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގުޅިގެން ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.
މިނިސްޓްރީންވަނީ މިދަނޑިވަޅުގައި، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި އެ ސަރަހައްދަށް ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
މި ދަނޑިވަޅުގައި އެއްވެސް އެހީތެރިކަމެއް ބޭނުންނަނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅައިގެން އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓްރީން އެދިފައި ވެއެވެ.
އެމްބަސީއާ ގުޅޭނެ މަޢުލޫމާތު:
- ފޯން: 61 164 129 17 49+
- ހޮޓްލައިން: 60 738 200 30 49+
- އީމެއިލް: info@maldivesembassy.de
ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ޔޫކްރެއިން ސިފައިން އަރައި, 28 އަވަށަކަށް ވަނީ އަތްގަދަ ކޮށްފައެވެ. ޔޫކްރެއިނުން ހިފާފައިވާ ބިމުގެ ސަރަޙައްދުގެ ބޮޑުމިން 1,000 އަކަ ކިލޯމީޓަރަށް އަރައެވެ. ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގެ ކަރސްކް ސަރަޙައްދުގައި ޔޫކްރެއިންގެ އެތަކެއް ހާސް ސިފައިން ބަރުހަތިޔާރާއި އަސްކަރީ އުޅަނދުފަހަރުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. ރަޝިޔާއިން ޔޫކްރެއިން ސިފައިންނާ ކުރިމަތިލަމުންދާއިރު، އެ ސަރަަހއްދުގައި ތިބި އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.



