ލޭނުމަސްވެރިކަމުގެ ތެރޭގައި މަރުވާ މިޔަރު ޕްރޮސެސްކުރުމުގެ ލައިސަންސްދޭގޮތަށް ”ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދު“ ގައި ހިމަނައިފި އެވެ.
މި ގަވައިދާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމާއި އިގުތިސާދީ މަސައްކަތްތައް ފުޅާކޮށް އެކަމުން ލިބޭ ނަފާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށެވެ. މިގޮތުން ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެމަތީން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕްްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުން ޕްރޮސެސްކުރުމުގެ ފުރުސަތު އެ ގަވައިދުގެ ދަށުން ފަހިވެގެން ދާނެކަމަށެވެ. އެހެންނަމަވެސް އެއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށް ހުޅުވާލުން ނޫންކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީންބުނީ، ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެއްކަމަށެވެ. އަދި މިގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިގޭ ބައިޗެކް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހެ ފިޔަވަޅުތައް ހިމަނާފައިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.
”ބައިޗެކް ގޮތުގައި ހިފޭ މިޔަރު މަދުކުރުމުގެ ޤޮތުން އުޅަނދުގައި ބޭނުންކުރާ ލޭނުކޮޅު (ބްރާންޗް ލައިން) ގެ މިޔަވާލި (ލީޑަރ) ގެ ގޮތުގައި ވަޔަރު ނުވަތަ ނަރު (ވަޔަރ ޓްރޭސް) ބޭނުންކޮށްގެން ނުވާނެކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވާނެ.“ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
”ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދު“ ގައި، ލޭނުކޮޅުގައި ޖެހޭ މިޔަރުގެތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު، މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް އަދި ލޭނުކޮޅު ބުރި ކުރާ އާލާތް ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވެއެވެ. އަދި މި އާލާތްތައް ހުރިހައި ވަގުތެއްގައިވެސް އުޅަނދުގައި ހުންނަވާނެކަމަށް ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ލޭނު ކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިއަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އެގޭ ހަށިގަނޑުން ވަކިނުކޮށްކަމުގައިވެސް މިގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.
”މިއީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ލޭނުގެ މަސްވެރިކަމުގެ ބެސްޓް ޕްރެކްޓިސް.“ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ލޭނު މަސްވެރިކަމުގައި ހިފޭ ބައިޗެކްގެ އިސްރާފު ކުޑަކުރުމުގެ ގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްއިއްޔާ އެފްއޭއޯ އިން ޝާއިއުކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓް ފޮރ ރެސްޕޮންޒިބަލް ފިޝަރީޒް، އާއި މި ނޫންވެސް ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ރާވައި، ހިންގައި ބެލެއްހެއްޓުމަށް ލަފާދޭ އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އިރުޝާދުތަކަށް ބިނާކޮށް ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ. އަދި މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާއިދުގެ ދަށުން ވަނީ ހުއްދަކޮށްފަ އެވެ.
”މި ޕްރޮސެސިންގް ފެސިލިޓީތައް ހިންގުމުގައި، މި ވުޒާރާއިން ލައިސަންސްކުރާ އެހެން މަސް ޕްރޮސެސްކުރާ ފެސިލިޓީތަކެކޭ އެއްފަދައިން ކިރާ މިޔަރުގެ މައުލޫމާތު ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވައި މަސް ޕްރޮސެސްކުރުމުގެ ލައިސަންސްގެ ޝަރުޠުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ.“ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގްސަދުގައި ލޭނު މަސްވެރިކަން ދިވެހިރާއްޒޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖްލީހުން ނިންމުމާ ގުޅިގެން، ފިޝަރީޒް މިނިސްޓްރީން އެކުލަވާލި ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދުގެ ދެލި ކޮޕީއަށް އާންމުންގެ ޚިޔާލާއި ކޮމެންޓު ހޯދުމަށް 5 އޯގަސްޓް 2024 ވަނީ ހުޅުވާލާފަ އެވެ. އަދި، މި ގަވާއިދުގެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 18 އޯގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.



