ވިއްސާރައާއި ގުޅިގެން މާލޭގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މެދު ކަނޑާލާފައި އޮތުމަށްފަހު މިއަދު އަނެއްކާވެސް މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ މިއަދު ހެނދުނާއި މެންދުރުފަހުގެ ގަޑިތަކަށް ބަހާލައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން، މިއަދު ހެނދުނު މަސައްކަތް ފެށީ މާލެ ސިޓީ، އަބަދަށްފެހި މަގު، ކަޅުހުރާ މަގު، ގުލޭނޫރަން މަގު، އަމީރު އަހުމަދު މަގު އަދި ސޯސަން މަގު ހިމެނޭ ސަރަޙައްދުންނެވެ. ހެނދުނު 09:30 ން 11:30 އަށް އެސަރަހައްދުގައި މަސައްކަތް ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ބުރުޒު މަގު، ކަށިމާ ހިނގުން، ދޮންއަދަރާދަ ހިނގުން އަދި ދޫހިމެރި މަގު ހިމެނޭ ސަރަޙައްދާއި، ފަރީދީ މަގު، ފާމުދޭރި މަގު، ކެނެރީ މަގު، ޗާންދަނީ މަގު އަދި ދިލްކުަޝާ ގޯޅި ހިމެނޭ ސަރަޙައްދުގައިވެސް ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވެއެވެ.
ސްޓެލްކޯއިން ބުނީ މެންދުރު ފަހު 13:30 ން 14:45 އަށް ފަރީދީ މަގު، ފާމުދޭރި މަގު، މެދުޒިޔާރަތް މަގު، ޗާންދަނީ މަގު، ދަނބު ގޯޅި އަދި ދަރުމަވަންތަ މަގު ހިމެނޭ ސަރަޙައްދުގައި މަސައްކަތް ކުރަން ރާވާފައިވާއިރު، 14:00 ން 16:00 އަށް ކަޅުހުރާ މަގު އަދި ހަދީބީ މަގު ހިމެނޭ ސަރަޙައްދުގައިވެސް ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްކުރާނެކަމަށެވެ.
ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިޔަށްދާއިރު، ކަރަންޓް ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށެވެ. އަދި، މިފަދަ ކަންކަމުގައި ރައްޔިތުންދޭ އެއްބާރުލުމަށް ސްޓެލްކޯއިން ޝުކުރު ދަންނަވާފައި ވެއެވެ.



