ފެނަކަ ކޯޕަރޭޝަންއިން މިހާރު ހިންގަމުން އަންނަ އައިސް ޕްލާންޓްތައް ދޫކޮށްލުމުގެ މަރުހަލާ ނިމެންދެން އައިސްޕްލާންޓްތަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒު މުޙައްމަދު ރަޝީދު އެކަމުގެ ޔަގީންކަން ދެއްވީ، އައިސްޕްލާންޓްތައް ބަދަލުކުރުމުގެ މަރުޙަލާ އޮމާންކަމާއެކު ގެންދެވޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާއި މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުތަކާއި، އެކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލަން އެ ކުންފުނިން މީގެ ދެހަފުތާކުރިން ނިންމީ، އައިސްޕްލާންޓްތައް ހިންގުމަކީ ކުންފުނީގެ ޚިދުމަތުގެ އަމާޒުން ބޭރު މަސައްކަތަކަށްވެފައި، މިހާރު ފެނަކައިގެ މާލީ ހާލަތު އޮތް ގޮތުން އައިސް ޕްލާންޓްތަކުގެ ހިދުމަތް ދިނުމަކީ ކުންފުންޏަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް އެކަން އިއުލާނުކުރެއްވި ދުވަހު އެމްޑީ މުއާޒް ވިދާޅުވެފައި ވެއެވެ.
“އައިސް ޕްލާންޓްތަކުންވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރީ. އެހެންވީމައި އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުންވަމުން އައިއްސަ އޮތީ. އެހެންވީމައި އަޅުގަނޑުމެން ނިންމީ ގެއްލުންވާ އެއްވެސް ކަމެއް ކުރިޔަތް އޮތް ތަނުގައި ނުކުރަން. އޭގެތެރެއިން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށް މި ގެނައީ.” މުއާޒް ވިދާޅުވެފައި ވެއެވެ.
މުއާޒް ވިދާޅުވީ މިހާރުގެ މެނޭޖްމެންޓުން ކުންފުންޏާ ހަވާލުވިއިރު 17 އައިސް ޕްލާންޓެއްގެ މަސައްކަތް ކުރަމުން އައިކަމަށާއި، ފެނަކައިން މި ޕްރޮޖެކްޓް ހުއްޓާލުމާއި ގުޅިގެން، ސަރުކާރުން މިހާރު މި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަން މިފްކޯއާ ހަވާލުކޮށްފައިވާކަމަށެވެ.
މުއާޒް އެދުވަހު ވިދާޅުވެފައިވަނީ، އެކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ގާބިލުކަން ނެތުމާއި، އެފަދަ ތަންތަން ހިންގޭ ވަރުގެ ފަންނީ ބޭފުޅުން ނެތުމާއި ވަކިން ޚާއްސަކޮށް އެކުންފުންޏަށް އެމަޝްރޫއުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށް އެކަން ވުމާއެކު، ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އައިސް ޕްލާންޓް އެޅުމާއި އޮަޕަރޭޓްކުރުން ހުއްޓާލީ ކަމަށެވެ.



