ލ. ގަމު ގެއަކުން މަސްތުވާތަކެއްޗާއި ބޮގަރު ރުނބާތަކަކާއެކު ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެރަށު ތުނޑީ އަވަށުގައި ހުންނަ ވިލެޖް ގެއިންނެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ، އެގެ ބަލާފާސްކުރީ އެގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރުމުގެ އިތުރުން ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރާކަމުގެ ޖާސޫސީ މައުލޫމާތު ފުލުހަށް ލިބުމާއި ގުޅިގެންނެވެ.
ފުލުހުން ބުނީ، އެގެ ބަލާ ފާސްކުރުމުން އެގެއިނ 24.42 ގްރާމްގެ ހެރޮއިންކަަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އަދި، ބޮގަރުކަމަށް ޝައްކުކުރެވޭ ދެ ރުނބައާއި، 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބޮގަރު ކައްކަން ބޭނުންކުރާ ސާމާނުވެސް އެގެއިން ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެތަކެތި ގެނެސް ފުލުހުން ވަނީ އެ ކަމުގައި ޝާމިލުވިކަމުގެ ތުހުމަތުގައި ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރާއި 57 އަހަރުގެ ދެ ދިވެހިންނެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތީ މިކަމާއި ގުޅެ އިތުރު ތަފުސީލު ފުލުހުން މިއަދު ހިއްސާކޮށްފައެއް ނުވެއެވެ.



