ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮންނަ ޕެރަލިމްޕިކް ގޭމްސް 2024 ގައި ވާދަކުރާ ދިވެހި ޓީމާ ބައްދަލުކުރައްވައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފި އެވެ.
މިއަހަރުގެ ޕެރަލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާ ދެ އެތުލީޓުންނަކީ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު އެވެ.
ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި އެތުލީޓުންނާއި، ކޮންޓިންޖެންޓުގައި ހިމެނޭ އެހެން ބޭފުޅުންނާއި، ޕެރަލިމްޕިކްސް ކޮމިޓީގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
ދިވެހިރާއްޖޭގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ދިވެހިރާއްޖޭގެ ޕެރަ އެތުލީޓުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ހިތްވަރު ދެއްވި އެވެ. އަދި ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީ އިން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި އެވެ. އަދި، މިވަގުތު ޕެރަލިމްޕިކް އެސޯސިއޭޝަންގެ ކުރިއެރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަޒީރު މަޝްވަރާކުރެއްވި އެވެ.

މިއަހަރުގެ ޕެރަލިމްޕިކް ގޭމްސް ބާއްވަނީ ފްރާންސްގެ ވެރިރަށް ޕެރިސްގަ އެވެ. ގޭމްސްގެ ހަރަކާތްތައް ކުރިޔަށްދާނީ އޮގަސްޓް 28 އިން ސެޕްޓެމްބަރު 8 ވަނަ ދުވަހުގެ ނިޔަލަށެވެ.



