އެމެރިކާގެ އޯޝަންސް އެންޑް އިންޓަނޭޝަނަލް އެންވަޔަރަންމެންޓަލް އެންޑް ސައިންޓެފިކް އެފެއާޒް ގެ އެކްޓިންގ އެސިސްޓެންޓް ސެކްރެޓަރީ ޖެނިފާ ލިޓްލްޖޯން ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި މިމަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިމަހުގެ 17 އިން 31 އަށް އިންޑިއާގެ ނިއުދިއްލީއާއި، ސްރީލަންކާގެ ކޮލޮމްބޯއަށާއި، ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން 31 އަށެވެ.
އެެމެރިކާގެ ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެކަމަނާގެ މިދަތުރުފުޅުގައި މޫސުމަށް ހުރި ހިރާތައް ނައްތާލުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑު އަދި ވަލު ޖަނަވާރު ރައްކާތެރިކުރުމާ ގުޅޭގޮތުން ގުޅިގެން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ދިވެހި ސަރުކާރާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިންނާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.
މިދަތުރުފުޅާގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.



