ސްޕާއެއްގައި މަސައްކަތް ކުރާ ބިދޭސީ އަންހެނަކަށް ކަޓަރެއް ބޭނުންކޮށްގެން ހަމަލާ ދިން ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭ ފޭސް-1 ގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރަމުން އަންނަ ބިދޭސީ މިއަންހެން މީހާ ގައިގަ ކަޓަރު އަޅާ ބިރު ދައްކައިގެން އޭނާ އަތުން ފައިސާ ފޭރިގެންފައިވަނީ އިއްޔެ ފަތިހު އެވެ.
މި މައްސަލައިގައި އިއްޔެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ އޭނާގެ ފޮޓޮއާއެކު ވަނަވަރުވެސް ހާމަކޮށްފަ އެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ، އަލީ ޝައްމާހު ވަހީދު(29)، ސްކޫނަރ، ގދ ތިނަދޫ އެވެ.
ހަމަލާ ދީފައިވަނީ ބިދޭސީ އަންހެނަކަށް ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގި ކުރަމުންނެވެ.



