ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެންނަ ކުންފުނިތަކުން އެމީހުންނާ ގުޅޭ ހިދުމަތްތަކަށް ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާ ދައްކަން ހޯމް މިނިސްޓްރީން ދިން މުއްދަތު އިތުރުކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ހޯމް މިނިސްޓްރީން ވަނީ، ބިދޭސީން ގެންގުޅޭ ފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ލިސްޓް އާންމުކޮށް، އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސްކުރުމަށް އަންގާފަ އެވެ.
މިކަމާ ގުޅޭގޮތުން ރޭ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ފީތަކާއި ޖޫރިމަނާ ދެއްކުމުގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް މިހާރު އިތުރުކޮށްދީފައި ވާކަމަށެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ފައިސާ ނުދައްކާ ފަރާތްތަކާ މެދު ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. އެ އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ހިދުމަތްތައް މެދުކަނޑާލައި، ސަސްޕެންޑް ކުރުން ހިމެނެއެވެ.
ބިދޭސީންގެ ފީ ނުދައްކައިގެން ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައި 1026 ކުންފުންޏެއް ހިމެނޭއިރު، ބައެއް ކުންފުނިތަކުން މިހާރު ވަނީ ފައިސާ ދައްކާފަ އެވެ. ހޯމް މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 182،954،572 ރުފިޔާ އެކި ކުންފުނިތަކުން ދައްކާފއިވާ ކަމަށެވެ.



