ދަރިވަރެއްގެ ކިބައިގައިވާ ތަނަވަސްކަމާއި ޤާބިލުކަމަށް ބެލުމެއްނެތި، ތަޢުލީމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތަކުގެ ފައިދާތައް ހަމަހަމަކަމާއެކު ހުރިހާ ދަރިވަރުންނަށް ލިއްބައިދޭންޖެހޭ ކަމަށް ހަޔަރަ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ބެއިޖިންގ ނޯމަލް ޔުނިވަރސިޓީ އާއި ޔުނެސްކޯ އިން އިންތިޒާމްކޮށްގެން ޗައިނާގައި މިހާރު ކުރިޔަށްދާ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސް 2024 ގެ ޕްލެނަރީ ސެޝަންގައި ތަޢުލީމާއި މަތީ ތަޢުލީމުގެ މުސްތަޤްބަލާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުގަ އެވެ. މަތީ ފެންވަރުގެ މި ޑައިލޮގް ސެޝަންގައި، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި އޭ.އައިއަށް ހޭލުންތެރިކުރުވުމާއި، އަޚްލާޤީ ސިޔާސަތުތަކާއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އެއް ގުޅުވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، އަވަސް އަވަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ދަރިވަރުންނާއި މުދައްރިސުން ތައްޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ.
މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒްކޮށް، އައު ގޮތްތަށް ތަޢާރަފްކޮށް، ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވި އެވެ. އެގޮތުން، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ޚާއްޞަ ގޮންޖެހުންތައް ހުރި ނަމަވެސް، ދަރިވަރުންނާއި މުދައްރިސުން މުސްތަޤްބަލަށް ތައްޔާރުކުރުމަށްޓަކައި އޭ.އައި އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ރާއްޖެއިން އިސްކަންދޭކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތަކުގައި އެކުލެވިގެންވާ އަދި ފޯރުކޮށްދެވޭ މިންވަރުގެ މުހިންމުކަން ފާހަގަކުރައްވައި، ޑިޖިޓަލް ހުނަރު އުނގަންނައިދިނުމާއި، ހުރިހާ ދިވެހި ދަރިވަރުންގެ ތަފާތު ބޭނުންތަކަށް ފެތޭ އުނގެނުމުގެ މާހައުލެއް އުފެއްދުމަށް ގޮވާލެއްވި އެވެ. އެކަމަނާ ގޮވާލެއްވެވީ ކޮންމެ ދަރިވަރަކަށްވެސް، އެ ދަރިވަރެއްގެ ކިބައިގައިވާ ތަނަވަސްކަމާއި ޤާބިލުކަމަށް ބެލުމެއްނެތި، ތަޢުލީމުގެ ދާއިރާގައި ޑިޖިޓަލް ކުރިއެރުންތަކުގެ ފައިދާތައް ހަމަހަމަކަމާއެކު ހުރިހާ ދަރިވަރުންނަށް ލިއްބައިދޭނެ ސިޔާސަތުތަކަށެވެ.
ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ކުރައްވަމުން ގެެންދަވާ، ދަތުރުފުޅުގައި ”ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި” ގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވުމުގެ އިތުރަށް ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން އިންތިޒާމުކުރާ “ޑިވެލޮޕްމަންޓް އެންޑް ޔޫސް އޮފް ޑިޖިޓަލް ޓެކްސްޓް ބުކް” ފޯރަމްގައި ބައިވެރިވަޑައިގަންނެވުމަށް ހަމަޖހިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ދަތުރުފުޅުގައި، ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ޕްރެޒިޓެންޓް، ޕްރޮފެސަރ ޔޫ ޖިއޮންޖް، ވައިސް ޕްރެޒިޓެންޓް، ޕްރޮފެސަރ ޖޯ ޒުއޮޔު، ސްމާޓް ލާރނިންގ އިންސްޓް ޓިއުޓް އޮފް ބެޖިން ނޯމަލް ޔުނިވާސިޓީގެ ވައިސް ޑީން އަދި ކުރީގެ ޕްރެޒިޑެންޓް އޮފް ކޮމަންވެލްތް އޮޕް ލާރނިންގއާއިވެސް ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އަންނަނީ ބޭރުގެ އެކި ޤައުމުތަކުގެ މަޤްބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


