ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީސަފުގައި އަބަދުވެސް ޢަދާލަތު ޕާޓީ އޮންނާނެކަމަށް، އެ ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ، އެ ޕާޓީއަށް 19 އަހަރު ފުރުމާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ. އިމްރާން ވަނީ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ އެންމެހައި މެންބަރުންނަށް އަރިސް ކުރައްވާފަ އެވެ. އެމެސެޖުގައި، ގައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދެއްގައި އެންމެ ކުރީސަފުގައި އަބަދުވެސް ޢަދާލަތު ޕާޓީ އޮންނާނެކަމަށް، އިމްރާން ވިދާޅުވެފައިވީ ނަމަވެސް، ކޮންގްރެސް ޕްރޮގްރެސިވް ކޯލިޝަން ސަރުކާރު އައި ފަހުން އަދާލަތުން އެއްވެސް ކަމެއްގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ތަނެއް ނުފެނެއެވެ. މިސަރުކާރަށް ތާއީދުކުރާ އެޕާޓީގެ ބައެއް މެމްބަރުން ޕީއެންސީއާއި ގުޅިފައިވާ ކަން ފާހަގަކޮށްލެވެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އަދާލަތުން ނުކުތީ އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދައިގެންނެވެ. އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތިލާންޖެހުނުއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަދާލަތަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އަދާލާތު ޕާޓީއަކީ ރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމް ތައާރަފްވުމާއެކު، ދެވަނަޔަށް ރަޖިސްޓްރީކުރި ޕާޓީއެވެ. އެ ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާއަށް ބަލާއިރު، މި ވަގުތު އެޕާޓީގެ ދަފްތަރުގައި ތިބީ، 8528 މެންބަރުންނެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވީ 6 ޕާޓީގެ ތެރޭގައި އަދާލަތު ހިމެނޭތީ، އެޕްރީލްމަހުުގެތެރޭގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީއަށް، 2.5 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް، އެ ޕާޓީއެއްގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށް ބަޖެޓުން ފައިސާ ދޫކުރުމަށް ޝަރުޠު ހަމަވެއެވެ.




