ތައިލޭންޑްގެ އާ ބޮޑުވަޒީރު ޕެއިޓޮންގޓާން ޝިނާވާތު އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ތައިލޭންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގކޯންގެ ރުހުމާއެކު މިއަދު ތައިލޭންޑްގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔާތާ ހަވާލުވެވަޑައިގެންނެވި ޕެއިޓޮންގޓާން ޝިނާވާތުއަށް ރައީސް ތަހުނިޔާ ވިދާޅުވެފައިވަނީ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
ރައީސްގެ ތަހުނިޔާގެ މެސެޖުގައި، އެކަމަނާއަށް މަރުހަބާ ވިދާޅުވެ، އެކަމަނާގެ ލީޑަޝިޕްގެ ދަށުން ތައިލޭންޑަށް އާރޯކަމާއި، ފާގަތިކަން ގެނެސްދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ. އަދި، ދެގައުމުގެ ދެމެދުގައި އޮންނަ އަޚުވަތްތެރި ގުޅުން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ތައިލޭންޑްގެ އާ ބޮޑުވަޒީރަކަށް ޕެއިޓޮންގޓާން އިންތިޚާބުކޮށްފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހުކުރު ދުވަހު ނެގި ވޯޓުން، މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުންނެވެ. 319 މެންބަރުންގެ އެކަމަނާއަށް ތާއީދު ކުރެއްވި އެވެ.
ޕެއިޓޮންގޓާންއަކީ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު، ތަކްސިން ޝިނަވާތުގެ ދަރިކަނބަލުންނެވެ. އަދި އެގައުމުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ޔިންގލަކް ޝިނަވާތުއަކީ، އެކަމަނާގެ ބޮޑު ދައިތާފުޅެވެ. ޕެއިޓޮންގޓާން ވެފައިވަނީ ތައިލޭންޑްގެ ދެވަނަ އަންހެން ބޮޑު ވަޒީރުގެ އިތުރުން، ތައިލޭންޑްގެ ތާރީޚުގައި ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެންނެވި އެންމެ ހަނގު ބޭފުޅާވެސް މެއެވެ.
ފިއު ތައި ޕާޓީގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޕެއިޓޮންގޓާން ބޮޑުވަޒީރުކަމަށް ވަޑައިގެންފައިވަނީ އެޕާޓީގެ ސީނިއާ ލީޑަރުންނާއި އަދި ކޯލިޝަން ޕާޓްނަރުންގެ ފުރިހަމަ ތާއިދާއެކުގަ އެވެ. ޕެއިޓޮންގޓާން ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންފައިވަނީ، އެގައުމުގެ އިގުތިޞާދީ ހާލަތު ދަށްވެ، އާންމުންގެ މެދުގައި އެޕާޓީގެ ތާއީދު ދަށްވެފައިވާ ދަނޑިވަޅެއްގަ އެވެ.



