ކަނޑު އަޑީގައި މީރުފެން އުފައްދާ ނިޒާމު ޤާއިމުކުރުމުގެ ދިރާސާ ފެށުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑބްލިޔުއެސްސީ) އާއި ފްލޯޝަންއާއެކު ފަހުމުނާމާގައި ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ، ފްލޯޝަންގެ މެނޭޖިންގ ޑިރެކްޓަރ، އަލެގްޒަންޑަރ ފުލެސަންގ އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖެ، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޑަބްލިޔުއެސްސީ އާއި ފްލޯޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ދިރާސާގައި ކަނޑު އަޑީގައި އާރް.އޯ ޑީސެލިނޭޝަން ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ހޯދުމާއި، އެކަމަށް ބޭނުންވާ ކަނޑު އަޑީގެ ދިރާސާތަކާއި، ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ އިތުރުން، މިގޮތަށް ފެންއުފެއްދުމާއި ގުޅޭ މާލީ ހިސާބުތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ. މި ދިރާސާގައި އެމްޑަބްލިޔުއެސްސީގެ މައިގަނޑު ދައުރަކަށްވާނީ މިހާރު ލިބެންހުރި މިކަމާ ގުޅޭ މަޢުލޫމާތާއި ފަންނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމާއި، ސަރުކާރުގެ ވުޒާރާތަކާއި އެހެނިހެން އިދާރާތަކުން ބޭނުންވާ ހުއްދަތައް ހޯދުމަށް އެހިތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގައި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައި ވެއެވެ.
ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށްވާއިރު، މިދިރާސާގެ އަލީގައި މިފަދަ ނިޒާމެއް ޤާއިމްކުރެވެއްޖެނަމަ، ރާއްޖޭގެ އިތުރުވަމުން އަންނަ އާބާދީއާއި ފެނުގެ ޑިމާންޑާއި އެއްވަރަށް ފެން އުފެއްދޭވަރާއި ރައްކައުކުރެވޭނެ ނިޒާމުގެ ޤާބިލުކަން އިތުރުކުރެވޭނެ އައު އިޖާދީ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެކަމަށާއި މީގެ ސަބަބުން، ސާފު ރައްކައުތެރި ފެން އުފައްދާ ފޯރުކޮށްދޭ ނިޒާމް ޤާއިމްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލު ލިބި، ރާއްޖޭގައި ފެން އުފެއްދުމަށް މިހާރު ބޭނުންކުރާ ހަކަތައާއި އެކަމަށް ހޭދަކުރެވޭ ޚަރަދު ކުޑަކުރެވިގެން ދާނެކަމަށްވެސް އެމްޑަބްލިޔުއެސްސީއިން ބުނެފައި ވެއެވެ.
މިދިރާސާގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެ، ޤައުމީ ފެންވަރުގައި ރައްކައުތެރި ބޯފެން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފައްދާ ފޯރުކޮށްދެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދެވޭނެކަމަށްވެސް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.




