ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސަޢޫދީ ޢަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރ ޒަމީރުގެ ސައުދީއަރަބިއްޔާއަށް ކުރައްވާ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާ ސިޓީފުޅެއް ރައްދުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މިދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސްވަނީ ހަމަޖެހިފައެވެ.
މި ހިނގާ އޮގަސްޓް މަހުގެ 18 އިން 22 އަށް ކުރައްވާ މި ދަތުރުފުޅަކީ، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރ ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސަޢީދާއި ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.
މި އަހަރަކީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.



