ހުޅުމާލޭގައި ތިން ބުޓީކް ހޮޓާ ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފި އެވެ.
މިކަމާއި ގުޅޭގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލޭ ދެވަނަ ފޭސްގައި ކުރިއަށްގެންދާ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، ”އާބަން އައިލްސް“ ގައި ބުޓީކް ހޮޓެލްތަކެއް އިމާރާތްކޮށް ހިންގަން ޝައުގުވެރިވާ ބަޔަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާާކަމަށެވެ. އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެކަކަށް ވުރެ ގިނަ ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ މަސައްކަތް ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.
އެޗްޑީސީން ބުނީ، ހަ ބުރީގެ ތިން ބުޓީކް ހޮޓާ އިމާރާތް ކުރަން ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، އެ މަޝްރޫއު ހަވާލުކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލް އަށް ކަމަށެވެ. މީގެ އިތުރުން އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅައިގެން އެހެން މޮޑެލް ތަކަށް ދިއުމުގެ ފުރުސަތުވެސް ދީފައިވެ އެވެ.
އާބަން އައިލްގައި ތަރައްގީކުރާ މި މަޝްރޫއަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ބާލާނީ ހުށަަހަޅާފައިވާ ބިޒްނަސް މޮޑެލްއަށާއި ހުށަހަޅާ ފަރާތުގެ ތަޖުރިބާއަށާއި ސީއެސްއާރު އަށް ކަަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓު /http://www.hdc.mv/announcements ލިބޭނެ ކަމަށް އެ އިއުލާންގައި ބުނެފައިވެ އެވެ.




