ސަރުކާރުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަދޭން ނިންމާފައިވާތީ އެކަން ބަދަލުކުރުމަށް ގޮވާލާ އިދިކޮޅުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައްރޫފް ޒާކިރު އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގައި މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގައި ކަމަށްބުނެ، ލޭނު މަސްވެރިކަން ކުރުމަށް ހުއްދަދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން 15 އޯގަސްޓް 2024 ގައި އާންމުކޮށްފައިވާތީ، އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް ވަޒީރުންގެ މަޖލީހުގެ މި ނިންމެވުން ބަދަލުކުރުމަށް ގޮވާލާކަމަށެވެ.
މި މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވަޑައިގެންނެވި 58 މެންބަރުންގެތެރެއިން، މައްސަލަ ބަލައިގަންނަން ފެންނަކަަމަށް ވޯޓް ދެއްވީ 11 މެންބަރުންނެވެ.47 މެންބަރުން ތާއީދުކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ބަހުސްކުރަން ފެންނަކަމަށް ބަލައިގަންނަން 30 ވޯޓް ބޭނުންވާއިރު، އެ މިންވަރަށް ވޯޓް ލިބިފައިނުވާތީ ރިޔާސަތުން ވަނީ މައްސަލަ މަޖިލީހުގައި ބަހުސް ކުރުމަށް ފާސްނުވާކަމަށް އިއުލާނުކުރައްވާފަ އެވެ.
ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގްސަދުގައި ލޭނު މަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖްލީހުން ވަނީ ނިންމާފަ އެވެ. މި ނިންމުމާއި ގުޅިގެން، ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް ފިޝަރީޒް މިނިސްޓްރީން އެކުލަވާލާ އެގޭ ދެލިކޮޕީ އަށް ޚިޔާލު ފާޅުކޮށް، ކޮމެންޓުކުރުމުގެ ފުރުސަތުވެސް 5 އޯގަސްޓުންފެށިގެން އިއްޔެގެ ނިޔަލަށް ދީފައި ވެއެވެ.
ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވާލާއިރު ފާއިތުވި ތަނުގައި ދިވެހިރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރިއިރު ލިބިފައިހުރި ތަޖުރިބާއަށް ބަލައި ލޭނު މަސްވެރިކަމަކީ ދިވެހިންނަށް ފައިދާހުރި އަދި ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެގޮތުން ޚާއްސަ މާއްދާާތަކެއް ގަވާއިދުގައި ހިމަނާފައި ވެއެވެ. އެގޮތުން އުޅަނދުގެ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އުޅަނދުގައި ކޮންމެހެން ހުންނަންޖެހޭ ހަމަތަކެއް ކަނޑައަޅާ ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމްއެއް ހަރުކޮށް، ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ގަވާއިދުގައި ލާޒިމް ކޮށްފައި ވެއެވެ. އެ ގަވައިދުގައި، ލޭނު މަސްވެރިން ކުރުމަށް ހުއްދަ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވަނީ މިނިސްޓްރީއަށް ލިބުނު މައުލޫމާތާއި ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށް، ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރު ސަރަހައްދެކެވެ. އެއީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިން އިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަހައްދުގެތެރެއިން 6 ޑިގްރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަހައްދެވެ.




