ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގްސަދުގައި ލޭނު މަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖްލީހުން ވަނީ ނިންމާފަ އެވެ. ހިބަރު، ރީނދޫއުރަހަ ކަންނެލި އަދި ލޯ ބޮޑު ކަންނެއްޔަށް އަމާޒު ކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން މިނިންމި ނިންމުން ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން، ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް ފިޝަރީޒް މިނިސްޓްރީން ވަނީ އެކުލަވާލާފަ އެވެ.
މި ގަވައިދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ 6 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 22 ވަނަ މާއްދާއާއި، 33 ވަނަ މާއްދާ އާއި، 44 ވަނަ މާއްދާ އަދި 86 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި، ކަނޑުގެ ވެށީގެ ދިރުންތަކަށް ގެއްލުން ކުޑަ، ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ލޭނު އަޅައިގެން މަސްވެރިކަންކުރުމަށް މަގުފަހިކޮށްދިނުމާއި، މިމަސްވެރިކަންކުރުމުގެ ޙަރަކާތްތައް ރާވައި، ހިންގައި ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.
ލޭނުމަސްވެރިކަމަށް ލައިސަންސް ދޫކުރުން:
މިގަވާއިދުގެދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއްގައި ލޭނު މަސްވެރިކަން ކުރެވޭނީ ފިޝަރީޒް މިނިސްޓްރީން އެކަމަށް ދޫކުރާ ސައްޙަ ލައިސެންސެއް އޮވެގެންނެވެ. އެގޮތުން، ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ، ދިވެހިރައްޔިތެއް ނުވަތަ 100 އިންސައްތަ ދިވެހީންގެ ހިއްސާ އޮންނަ ޤާނޫނީ ޝަޙްސެއްގެ ނަންމަތީގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާ ގުޅޭ ޚިދުމަތްދިނުމުގެ މަސްޢޫލިއްޔަތު ހަވާލުވެފައިވާ ސަރުކާރުގެ އިދާރާގައި ރަޖިސްޓަރީކޮށްފައިވާ ރަސްޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެެވެ. އަދި މިގޮތަށް ރަޖިސްޓަރީވެފައިވާ އުޅަނދެއްގެ ބެނެފިޝަލް އޯނަރޝިޕް އެއްވެސް ބިދޭސީ ފަރާތަކަށް އޮވެގެން ނުވާނެކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ. އެހެން ގައުމެއްގައި ރަޖިސްޓްރީ ކޮށްފައި ނުވަތަ ޑުއަލް ފްލޭގް އޮންނަ އުޅަނދަކަށް ލައިސަންސް ދޫނުކުރާނެއެވެ.
ލައިސަންސް ދޫކުރާ އުޅަނދުތަކުގައި ހުންނަން ޖެހޭ ޝަރުޠު:
- އުޅަނދުގެ ސީވާރދިނަސްއާބެހޭ މުއްދަތު ހަމަނުވާ ސެޓްފިކެޓް އޮތުން
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދޫކޮށްފައިވާ ސާފުތާހިރުކަމުގެ ސެޓްފިކެޓެއް އޮތުން
- ވެސަލް ލޮކޭޓިންގް ޑިވައިސް (ވީ.އެލް.ޑީ) އަދި އިލެކްޓްރޯނިކް މޮނިޓަރިންގ (އީ.އެމް) ސިސްޓަމްގެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުގައި ހަރުކޮށް ވީ.އެލް.ޑީ އަދި އީ.އެމް މަސައްކަތްކުރާކަން ކަށަވަރުކުރުން
- އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިލީގަލް އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ވެސެލް ލިސްޓުގައި އެއްވެސްއިރަކު ލިސްޓުކޮށްފައިވާ ނުވަތަ ކްރޮސް-ލިސްޓުކޮށްފައިވާ އުޅަނދަކަށް ނުވުން
- ލޭނު މަސްވެރިކަމުގައި ހިފުމަށް ހުއްދަ ކޮށްފައިވާ ބާވަތްތަކުގެ ކޯޓާ، ލައިސަންސް ދޫކުރާ މުއްދަތަށް، ގަނެފައިވުން
- ލައިސަންސަށް އެދި ހުށަހަޅާ އުޅަނދުގެ އޯނަރޝިޕް، ކޯޓާ ގަނެފައިވާ ފަރާތުގެ ނަމުގައި އޮތުން
މިކަންކަން ފުރިހަމަވާ އޮޑިފަހަރަށް ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސް ދޫކުރާނެއެވެ. އަދި،ލޭނު މަސްވެރިކަން ކުރުމުގެ ލައިސަންސް ނަގާ ކޮންމެ އުޅަނދަކަށް 10,000/- ގެ ފީއެއް ނަގާނެއެވެ.
ލޭނުމަސްވެރިކަަން ކުރެވޭނެ ސަރަަހައްދު:
މި ގަވައިދުގެ ދަށުން، ލޭނު މަސްވެރިކަން ކުރަން ލައިސަންސް ދޫކުރަނީ ޚާއްސަ ސަރަަހައްދެއްގަ އެވެ. އެއީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދު؛ އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަޙައްދުގަ އެވެ.
ލޭނު މަސްވެރިކަމުގެ ކޯޓާ:
ލޭނުމަސްވެރިކަމަށް ހުއްދަ ނަގާ އޮޑިފަހަރުން މަސްވެރިކަމަށް ޚާއްސަ ކޯޓާއެއް ވެސް ހޯދަން ޖެހެއެވެ. ގައިވައިދުގައިވާގޮތުންނަމަ،ކޮންމެ މީލާދީ އަހަރެއްގެ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކޯޓާއެއް ދޫކުރާނެއެވެ.
މި ގަވައިދުގެ ދަށުން ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި އަމާޒުކުރާ ބާވަތްތަކުގެ ކޯޓާ ފިޝަރީޒް މިނިސްޓްރީން ކުރިއަށް އޮތް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅައި، އެމިންވަރު ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އާންމުކޮށް އިޢުލާނުކުރަން ޖެހެއެވެ. ތިން އަހަރުގެ މުއްދަތަކަށް ކޯޓާ އިޢުލާންކޮށްފައިވީ ނަމަވެސް، ކޯޓާގެ މުއްދަތުގައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން އިންޑިއާ ކަނޑުގައި އެ ބާވަތް ބޭނޭނެ އެންމެ މަތީ މިންވަރަށް ބަދަލު ގެނެސްފިނަމަ، ކޯޓާގެ މިންވަރަށް ބަދަލު ގެނެވިދާނެކަމަށްވެސް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ދޫކުރާ މި ކޯޓާ ގަނެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ފަރުދުންގެ އުޅަނދުފަހަރަށާއި، ބިދޭސީއަކު ނުހިމެނޭގޮތަށް، ޕާރޓްނަރޝިޕާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕާރޓްނަރޝިޕްތަކަށާއި ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށް އެކަންޏެވެ. އަދި،ކޯޓާ ވިއްކާނީ %80 ދިވެހި ފަޅުވެރިން މަސްވެރިކަމަށް ނިކުންނަ އުޅަނދުފަހަރަށެވެ. އެ އުޅަނދުތަކުގައި ޖުމްލަ ފަޅުވެރިންގެ %20 އަށް ވުރެ ގިނައިން ބިދޭސީން ޙަރަކާތްތެރިވެގެން ނުވާނެކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ. ކޯޓާ ވިއްކުމުގެ މަރުހަލާގައި ކޯޓާ ވިއްކާނީ 10 (ދިހައެއް) މެޓްރިކް ޓަނުގެ ބްލޮކެއްގެ ގޮތުގައެވެ.
މީގެ އިތުރުން، އުޅަނދުގައި ކުރެވޭ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސެލް ލޮކޭޓިން ޑިވައިސްއެއް އަދި އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމްއެއް ހަރުކޮށް، ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހުއްދައެއް ހޯދުމަށް ގަވާއިދުގައި ލާޒިމް ކޮށްފައި ވެއެވެ.
ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށާނެ ދުވަހެއް އަދި މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މިނިސްޓްރީން ބުނީ، ގައިވައިދަށް އަމަލުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މިގަވައިދުގެ ދެލިކޮޕީ މިނިސްޓްރީން މިމަހުގެ 5 ވަނަ ދުވަހު އާންމުކޮށް، 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނެވެ. ޝަކުވާއާއި ކޮމްންޓް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މަދަނީ ޖަމާއަތްތަކަކުން ޝަކުވާ ހުށަހަޅާފައި ވެއެވެ.



