އެމްޕޮކްސް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތައް އޮތް ނުރައްކަލެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެ ބައްޔަށް ޓެސްޓްކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންއަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(ޢެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ، ދުނިޔޭގައި އެމްޕޮްކްސްް ބަލި ފެތުރެން ފެށުމާއެކު، އެޗްޕީއޭގެ ފަރާތުން ބަލީގެ ހާލަތު މޮނިޓަރކޮށް، މި ބައްޔާއި ގުޅިގެން ރާއްޖެއިން ތައްޔާރު ވަމުން އަންނަކަމަށެވެ. އެގޮތުން، ދިވެހި ރާއްޖެއަށް ބަލި އަައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓްކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މިއަދު އެޗްޕީއޭއިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ދަނ އެމްޕޮކްސް ބައްޔަށް ސިއްހީ ޚިދުމަތްތެރިން އަހުލުވެރިކޮށް، ސަރވެއިލެންސް ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެމްޕޮކްސްބައްޔަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްހަތައް އޮތް ނުރައްކަލެއްކަމުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅައި އާންމުކޮށް އިއުލާނުކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މިހާލަތު އިއުލާކުރީ، މި ބައްޔަކީ ކުރިން އެފްރިކާ ގައުމުތަކުގައި އޮތް ބައްޔަކަށް ވީނަމަވެސް މިހާރު މިބަލީގެ އާ ސެޓްރެއިން އެއް ފެނި އަދި އެހެން ގައުމުތަކަށް ބަލި ފެތުރެމުންދާތީ އެވެ.
އާންމު ސިއްހަތައް އޮތް ނުރައްކަލުގެ ހާލަތަކީ، ބަލިމަޑުކަމެއް އާދަޔާއި ޚިލާފަށް ފެތުރިދާނެކަމުގެ ބިރު އޮތުމުން ދުނިޔޭޣެ ހުރިހައި ގައުމަކުން ސަމާލުކަން ދީގެން ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އާންމުކުރާ ހާލަތެކެވެ. މި ވަގުތު މިބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގަ އެވެ.
2022 ވަނަ އަހރުނެ ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މިބަލީގެ 99،000 އަށް ވުރެ ގިނަ ކޭސް ފެނިފައި ވެއެވެ.
އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމުގޮތެއްގައި ފެތުރެމުންދަނީ ޖިންސީ ގުޅުމުން ކަމުގައި ވީީނަމަވެސް އެހެނިހެން ގޮތްގޮތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތައް ނުވަތަ ނުކުން ދިޔައިގައި ޖެހުމުން ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި ނުވަތަ ބެޑް ޝީޓް ޖެހުމުން، ނޭވާލާ ނިޒާމުގެ ޒަރީއާއިން އަދި ބަލި ޖެހިފައިވާ ޖަނަވާރަކާއި ކޮންޓެކްޓްވުމުން( ކަތިލާއިރު،ޝިކާރަ ކުރާއިރު، ހަންދަމާ ސާފުކުރާއިރު ނުވަތަ ޖެއްކުމުގެ ތެރޭގައި) ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
އިމްޕކްސްގައި އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން، ހަމުގައި ބިހިނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނަގޅުވީނަމަވެސް ބަލީގެ ހާލަތައް ބަލާ ހޮސްޕިޓަކުގައި ފަރުވާދޭންޖެހޭ ހާލަތްތައް މެދުވެރިވެއެވެ. މިބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނެތްނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމަތްތަތަށް ބަލައި، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާ އެކެވެ.



