ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ގެ ސަރުކާރާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށްދިޔައީ، ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ފުލުހުންގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްލދަުލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ހަރުދަނާ ކުރުމަށާއި، ސައިބަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށް އެމިރޭޓްސް ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، މި މަޝްރޫއުތައް ތަންފީޒުކުރުމުގައި އެމިރޭޓްސް ސަރުކާރުން ދޭ އެހީތެރިކަމަށްވެސް ޝުކުރު އަދާކޮށްފައި ވެއެވެ.
”އަޅުގަނޑުމެންގެ ޝުކުރު ރައްދުކުރަން ބޭނުންވަނީ އެމިރޭޓްސްގެ ރައީސް، އަލްއަމީރު ޝެއިޚް މުޙައްމަދު ބިން ޒާޔިދު އަލްނަހްޔާނަށް. އެމަނިކުފާނުގެ ވިސްނުންފުޅާއި ލީޑަރޝިޕްގެ ސަބަބުން އަޅުގަނޑުމެންގެ ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ދަނީ ކުރިއަރަމުން“.ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޑރ. އަލްކުވައިތީ ޝައުގުވެރިކަމާއެކު ދެއްވަމުން ގެންދަވާ އެހީތެރިމަށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި މަޝްރޫއުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލިބޭނެ އެހީތެރިކަން ފާހަގަކޮށްފަ އެވެ.
”ޑރ. އަލްކުވައިތީ މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެއްވާ އަހައްމިއްޔަތުކަމަކީ އަޅުގަނޑުމެންނަށް ލިބޭ ހިތްވަރެއް. އަދި މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ޝަރަފެއް“ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވެއެވެ.
މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ މަތީ ފަންތީގެ މި ވަފުދުގައި އިސްކޮށް ހުންނެވީ ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ ޑރ. މުޙައްމަދު އަލްކުވައިތީ އެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ޑރ. އަލްކުވައިތީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދައުލަތުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި، ޑރ. އަލްކުވައިތީ ވަނީ ދެ ގައުމުންވެސް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، މި ދާއިރާގައި މިހާރު ލިބިފައިވާ ކުރިއެރުންތަކާއި ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ރައްކާތެރި ސައިބަރ ވެއްޓެއް ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މި ބައްދަލުވުންތަކުގައި ވަނީ ފާހަގަކުރައްވާފައި ވެއެވެ.
ޑރ. މުޙައްމަދު އަލްކުވައިތީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އެމިރޭޓްސްއާ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުމެވެ. ދެ ގައުމުން ވަނީ ޒަމާނީ ޓެކްނޮލޮޖީއާއި، ގުޅިގެން ކުރެވޭ މަސައްކަތުގެ ތެރެއިން ރައްކާތެރި މުޖުތަމެއް ބިނާކޮށް އުޖާލާ މުސްތަގުބަލެއް ކަށަވަރުކުރުމަށް އަޒުމު ކަނޑައަޅާފައެވެ.




