ނުތާހިރުތަނެއްގައި ވިޔަފާރިއަށް ފޯއް ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އިމިގްރޭޝަނާ ހިއްސާކުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގަ އެވެ.
އިމިގްރޭޝަނުން އިއްޔެ ހިންގި ހާއްސަ ރެއިޑުގައި، މ.ރީތި އޯކިޑްގެ ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 02 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި، އެތަނަކީ އާންމު ސާފުތާހިރު މިންގަޑާއި ޚިލާފަށް ވިޔަފާރިއަށް ފޯއް ތައްޔާރުކުރާ ތަނެއް ކަމުގައިވާތީ އެ ކަން ކަމާގުޅޭ އިދާރާތަކާ ހިއްސާކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
”މިތަނަކީ، ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ތަނަކަށްވެފައި، ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާ ތަނެއްކަމުން، މިކަން ވާނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައި.“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މާލޭ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނަށް އެއްބާރުލުންދީ، މިހާރު ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ދެފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްފައެވެ. އެގޮތުގެމަތިން މާލެ ސިޓީ ކައުންސިލުން ދަނީ އެފަދަ ކަމެއް ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައިސްފިނަމަ އިމިގްރޭޝަނާ މައުލޫމާތު ހިއްސާކުރަމުންނެވެ.
މާލޭ ސިޓީ ކައުންސިލުން އިމިގްރޭޝަނާ ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް މިމަހުގެ 17 ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއް ވެސް ބަލާ ފާސްކޮށްފަ އެވެ. އެ ރެއިޑްގައި އެތަން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 08 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ މިހާރު އާންމުންނަށްވެސް ރިޕޯޓް ކުރެވެއެވެ. މިދިޔަ މަހުގެ 17 ވަނަ ދުވަހު އިމިގްރޭޝަނުން ހުޅުވާލި “އިމިގްރޭޝަން ވޮޗް” މެދުވެރިކޮށް އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، 24 ގަޑީއިރު ރިޕޯޓް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މާލޭ ސަރަހައްދުގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންތަކުގައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސިން ރާއްޖެއިން ފޮނުވާލައިފައިވެއެވެ.




