މިދިޔަ ހަފުތާގައި ކުރި ވިއްސާރާގައި މާލޭގައި ފެން ބޮޑުވި ގެތަކަށް 8 ލައްކަ ރުފިޔާއަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(ޢެންޑީއެމްއޭ) އިން ބުނެފި އެވެ.
ވިއްސާރާގައި މާލެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓް ހެދުމުގެ މަސައްކަތް ނިންމާ އެއޮތޯރިޓީ މިއަދު ވަނީ އެ މައުލޫމާތު އަދާހަމަކޮށްފަ އެވެ. އެންޑީއެމްއޭއިން ހާމަކޮށްފައިވާގޮތުގައި، ވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ވަނީ ހަދާނިމިފައެވެ.
އެންޑިއެމްއޭއިން ބުނެފައިވަނީ، އެގެތަކުގެ އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް -/819،549ރ ގެ ގެއްލުން ލިބުނުކަމަށެވެ. އަދި، 4 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާތީ އެގެތަކުގެ އެސެސްމެންޓް ނަހަދާކަމަށްވެސް އެންޑިއެމްއޭއިން ބުނެފައި ވެއެވެ.
އެންޑިއެމްއޭއިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި 3 ރަށެއްގެ ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުން ލިބިގެން، އެސެސްމަންޓް ފޯމް އެ އިދާރާއަށް ހުށަހަޅާފައި ވާކަމަށެވެ. އަދި، މިހާރު ކުރެވެމުންދަނީ އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތްކަމަށް އެންޑިއެމްއޭއިން ބުނެފައި ވެއެވެ.



