ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތާއް ކުރިޔަށްދިޔައީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރު މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފައިސަލް ބިން ފަރްހާން އަލް-ސަޢުދާއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އެޑްރެސްކުރައްވާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއްވަނީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި ބައިނަލްއަޤްވާމީ މަސްރަހުގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޒަމީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސަޢީދު، ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ އަދި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަޙުމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވި އެވެ.




