ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު ސިޔާސީކުރުމުގެ ސަބަބުން ނިޒާމަށް ފައިދާވެފައި ނުވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ސިޔާސީކުރުމުގެ ސަބަބުން ނިޒާމަށް ފައިދާވެފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ލާމަރުކަޒީ ނިޒާމަކީ ސިޔާސީ ހަތިޔާރަކަށް ހެދުމުން، އޭގެ ގެއްލުން މުޅި ނިޒާމަށް ފޯރާކަން ފާހަގަކުރައްވާފައި ވެއެވެ. އަދި، ލާމަރުކަޒީ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސިޔާސީ ފިކުރާއި ޖަޒުބާތުން އެއްކިބާވެ، ބިނާކުރަނިވި ފާޑުކިޔުންތަކަށް މަގު ދައްކަވައިދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި، ޚިޔާލުފާޅުކޮށް، މަޝްވަރާ ކުރަމުންދާއިރު ލާމަރުކަޒީ ނިޒާމު ސިޔާސީ ނުކުރުމަށް އެދިވަޑައިގެންނެވި އެވެ. އަދި،ކައުންސިލްތަކަކީ ދައުލަތުގެ މުއައްސަސާއަކަށްވާއިރު، އެ މުއައްސަސާތަކަށް ދޭންޖެހޭ އިޙުތިރާމް ދެވޭފަދަ މާޙައުލެއް އުފައްދަންޖެހޭކަމަށާއި ކައުންސިލްތައް ޖަވާބޫދާރީ ކުރުވުމުގެ މުހިންމުކަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްވަވާފައިވާ ކަންކަން ހިއްސާ ކުރެއްވި އެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް ހަދަމުންދާ ދިރާސާއާއި ކައުންސިލްތައް އުމްރާނީގޮތުން ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތްތަކާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވާ މަސައްކަތްތައް ހިއްސާ ކުރެއްވި އެވެ.
ޤާނޫނުއަސާސީގެ 8 ވަނަ ބާބު ޚާއްޞަކޮށްފައިވަނީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަމަށްވެފައި، ރާއްޖެއަކީ ޤުދުރަތީގޮތުން އަތޮޅުތަކަށް ބެހިފައިވާ ޖަޒީރާ ޤައުމަކަށް ވާއިރު، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް ކަމުގައި ބުނެފައިވަނީ އަތޮޅުތައް ކަމަށް ވާތީވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމުގެ މުހިންމުކަން މިނިސްޓަރު ހިއްސާ ކުރެއްވި އެވެ. އަދި މާލެއިން މީހުން ގެންގޮސްގެން ރަށްރަށުގެ ކަންކަން ކުރުމުގެ ބަދަލުގައި އަތޮޅު ކައުންސިލް ބާރުވެރި ކުރުވަންޖެހޭކަން ފާހަގަކުރައްވައި، އަތޮޅު ކައުންސިލްތަކުގައި ޤާނޫނީ ވަކީލުން، އެލް.ޔޫ.ޕީ ހެދުމާއި އޮޑިޓް ކުރުން ފަދަ ޤާބިލްކަން އިތުރު ކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ ހުށަހެޅުންތަކަށް ލާމަރުކަޒީ ކޮމިޓީގެ ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވަނީ ތާއީދުކުރައްވައި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް މަރުޙަބާ ކިޔާފަ އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން ވަނީ މަގުޗާޓެއް އެކުލަވާލާފައެވެ.



