ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވަނީ، ޤާނޫނު ތަންފީޒު ކުރުމުގައި ރައްޔިތުންނަށް އަވަހަށް ޚިދުމަތް ދިނުމަށް ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މިހާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރެއްވުމުން، އެކަމަށް އިޝާރާތްކުރައްވާ ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.
ވަޒީރު ވިދާޅުވީ، ޤާނޫނު ތަންފީޒްކުރެއްވުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެގޮތަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާ ގޮތްކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަޅަމުންދާ އަވަސް ފިޔަވަޅުތަކަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ ޚިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
ބުޅާ މަހުގައި ކާތަކެތި ތައްޔާރުކުރި ކަމުގެ ތުހުމަތުގައި ޙައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ. އިއްޔެއްސުރެ އޭނާ ހޯދަން އިމިގްރޭޝަނުން މަސައްކަތް ކޮށް ނުފެނުމުން، އޭނާ އިމިގްރޭޝަނަށް ހާޒިރުކުރުމަށް ނޯޓިސް ނެރެ، ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރި މަސައްކަތުން އޭނާ ހައްޔަރުކޮށްފައިވަނީ ދިލްބަހާރު މަގުގައި ހުންނަ ސެލޫންއެއްގައި ހުއްޓައި މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އިމިގްރޭޝަނުން ދަނީ އެމީހުންނަށް ރާއްޖޭގައި މަޑުކުރަން އިތުރު ފުރުސަތެއް ނުދީ ޑީޕޯޓްކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ހުޅުވާލާފައިވާ ޕްލެޓްފޯމް ”އިމިގްރޭޝަން ވޮޗް“ މެދުވެރިކޮށް އާންމުންދަނީ ރިޕޯޓް ކުރަމުންނެވެ. އިމިގްރޭޝަނުން ބުނީ އެ ޕޯޓަލަށް މިހާތަނަށް 300 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށެވެ.



