ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު، އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް، ބުރާސްފަތި ދުވަހު އޭނާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، އެކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެފައިވަނީ، މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ޝަމީމަށް ޖަވާބުދާރީ ވާން ދީފައިވާ ފަސް ދުވަހުގެ ނޯޓިސް މާދަމާއަށް ހަމަވާތީ، ބުރާސްފަތި ދުވަހު އޭނާ ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް ތާވަލު ކުރުމަށް ކަނޑައަޅާފައިވާކަމަށެވެ.
މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްކަމުގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ، މިމަހުގެ 14ވަނަ ދުވަހު އެވެ. ޝަމީމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
ޝަމީމަށް، ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ނުކުރޭވޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ކުރީ ސަރުކާރުން ހިންގި ވެންޓިލޭޓަރު މުއާމަލާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވުނު ރޭޕްގެ ތުހުމަތުގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫގްގެ މައްސަލަ ފައިލް ނުކުރަން ނިންމުން ހިމެނެއެވެ. އަދި، އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރުން ގެންގުޅުއްވާކަމަށްވެސް ތުހުމަތު ކުރައްވާފައި ވެއެވެ.




