ދުނިޔޭގައި ސުލްހަ ގާއިމުކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްވައިފި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައި.ޕީ.ޔޫ.ގެ ރައީސާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއަރމަން ބައިވެރިވަޑައިގެންނެވި މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވަން ޗައިނާ ސިޔާސަތަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފު ކުރައްވަމުން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން މުޅި ދުނިޔޭގައި ޤާއިމްކުރަމުންދާ ސުލްޙަވެރިކަމާއި، އަމަންއަމާންކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް ދެއްވި އެވެ. މީގެ އިތުރުން ޗައިނާގެ ޤާނޫނުހަދާ މަޖިލިސް އައި.ޕީ.ޔޫ. އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމުން މަޖިލީހުގެ ރައިސް ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ބަރުލަމާނީ އެއްބާރުލުމާއި މަޝްވަރާއަށް ޗައިނާއިން ޒަމާނުއްސުރެ ވަޢުދުވެފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.
”ރާއްޖެއަކީ ޗައިނާއާއެކު ގާތް އެކުވެރިކަން އޮތް ޤައުމެއް، ސިޔާސީ ގުޅުން 1972 ވަނަ އަހަރު އުފެދި، މިދިޔަ އަހަރުތަކުގެ ތެރޭގައި، ޚާއްޞަކޮށް ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އަޅުގަނޑުމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެފައިވޭ. ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން ފަދަ ޕްރޮޖްޓްތަކަކީ އަޅުގަނޑުމެންގެ ކާމިޔާބު އެއްބާރުލުމުގެ ސާފު މިސާލުތަކެއް.“ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކާމިޔާބު ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށާއި، މިއަދު ރާއްޖެއިން ޗައިނާއާއެކު ‘ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނަރޝިޕް’ އެއް ދަމަހައްޓައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒު ހިފާފައިކަމަށް ވިދާޅުވި އެވެ.
މިމަހުގެ 18 އިން 23 އަށް ޗައިނާގެ ބެއިޖިންގ ގައި ކުރިއަށްދާ އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ސެމިނާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި، އެ ސެމިނާގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސް އާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާފަ އެވެ.
މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގެންނެވި އެވެ.




