ވީހާވެސް ގިނަ ދިވެހީންނަށް ރާއްޖޭއިން ބޭރުގައި ތައުލީމު އުގެނުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ، މިސަރުކާރުގެ އަމާޒުކަން ބަޔާންކުރައްވައި، އެކަން ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރޭ ބޭއްވެވި މިބައްދަލުވުމުގައި، ސައުދީގައި ތައުލީމް އުގެނެމުންދާ ދިވެހި ދަރިވަރުންނާއި، ވަޒީފާ އަދާކުރަމުންދާ މީހުންނާއި، އެމީހުންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވި އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ”އެކްސް“ ގައި ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރިޔާދުގައި ދިރިއުޅެމުން އަންނަ ދިވެހިންނާ ބައްދަލުކޮށް މަޝްވަރާކޮށްލަން ފުރުސަތު ލިބުމުން އެކަމާ އުފާކުރައްވާކަމަށެވެ.
މިނިސްޓަރުގެ މެސެޖުގައި،ވީހާވެސް ގިނަ ދިވެހީންނަށް ރާއްޖެއިން ބޭރުން އެކި ދާއިރާތަކުން ކުރިއެރުންހޯދުމަށާއި،އަދި މަތީ ތައުލީމުހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަން ފާހަގަކުރައްވައި، އެ ވައުދު ސަރުކާރުން ފުއްދާނެކަމުގެ ޔަގީންކަންދެއްވާފައި ވެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީއަށް ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ސައުދީއަށް ކުރައްވާ މިދަތުރުފުޅަކީ، އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.މި ދަތުރުފުޅުގައި، މިނިސްޓަރު ޒަމީރު ވަނީ،ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް ރައްދުކުރައްވާފަ އެވެ.
މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
މިދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމަށް ވެސްވަނީ ހަމަޖެހިފަ އެވެ.
މި އަހަރަކީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.



