ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި 7 މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)އޮފީހުގައި އެދިއްޖެ އެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ، އެހަތް މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާކޮށްދިނުމަށް އެދި މިމަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އަދި މި 7 މީހުންވެސް ފުލުހުންގެ ބަންދުގައިކަމަށް ބުނެފައި ވެއެވެ. މީގެ ކުރިންވެސް ފުލުހުން ބުނެފައިވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބާނެ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު، ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ހަމަލާ ދީފައިވަނީ، ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހެކެވެ. އެމީހުން މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހުމުން އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.
ޕީޖީ އަށް ދިން ހަމަލާ ފުލުހުން ތަހުގީގުކުރީ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ. ޕީޖީ އަށް ދިން ހަމަލާއަކީ ވަރަށް ދުރާލައި ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް މީގެ ކުރިން ފުލުހުން ބުނިނަމަވެސް، ހަމަލާ ދިން ސަބަބު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



