ބުޅަލުގެ މަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކެއް ވިއްކިކަމަށް ބުނާ ފިހާރަތަކެއްގެ ލިސްޓެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި، އެއީ ފޭކް ލިސްޓެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން ބުނީ، އެ އިދާރާގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫންކަމަށެވެ. އަދި މިއީ، ވަރަށް ޒިންމާދާރުކަން ކުޑަ އަމަލުތަކެއްކަން ބަޔާކޮށް އެފަދަ ކަންތައް ނުކުރުމަށް އިމިގްރޭޝަނުން އެދިފައި ވެއެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުވެސް ވަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރައްވައި، އެއީ ފޭކް ލިސްޓެއްކަން ހާމަކުރައްވައި، އެފަދަ ޚަބަރުތައް ނުފެތުރުމަށް އެދިވަޑައިގެންފަ އެވެ.
”އާއްމު މަސްލަހަތާއި ގުަޅުން ހުރި ކަންކަމުގައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޚަބަރު ފެތުރުމަށާއި ސޯޝަލް މީޑިއާގެ ޕޯސްޓް ޝެއަރ ކުރުމުގައިވެސް މަޢުލޫމާތުގެ ސައްޙަ ކަން ކަށަވަރު ކުރުމަށް އެދެން. ބުޅާ މަރާ އަދި އޭގެން ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ މީހާ ގެ ތަހުޤީގު ، ކަމާ ގުޅުންހުރި އިދާރާތަކުގައި ކުރިއަށްގެންދާ ވާހަަކަ ދަންނަވަން. “ ޝައްމާން ވިދާޅުވެފައި ވެއެވެ.
ސޯޝަލް މީޑީއާގައި މި ލިސްޓް ދައުރުކުރަމުންދާއިރު، ބުޅާ މަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށް ވިއްކިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހޮސައިން ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


