ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އިންވެސްޓްމަންޓްގެ ދާއިރާ އިން ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، ސައޫދީ ސަރުކާރުގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސައޫދީ އަރާބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ފިނޭންސް މިނިސްޓަރުގެ ނާއިބާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމެއްގަ އެވެ.
ސައޫދީގެ ފިނޭންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދު ވިޔަފާރިއާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ދެ ޤައުމުގެ ދެމެދު އިންވެސްޓްމަންޓްގެ ދާއިރާ އިން ގުޅުން އިތުރަށް ބަދަހިކުރުމާމެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދާރާ ސަޢީދާއި ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނެވި އެވެ.
މި ހިނގާ އޮގަސްޓް މަހުގެ 18 އިން 22 އަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސައުދީއަށް ކުރައްވާ މިދަތުރުފުޅަކީ، އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.



