ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިނުމުގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވި ހަތް މީހުންގެ ވަނަވަރު ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފި އެވެ.
ޕީޖީއަށް ހަމަލާދިނުމުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވޭ ހަތް މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާކޮށްދިނުމަށް އެދި މިމަހުގެ 18 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ފުލުހުން މީގެ ކުރިން މި މައްސަލައިގައި ހިމެނޭ ތިން މީހެއްގެ ވަނަވަރު އާންމުކޮށްފައި ވެއެވެ. އަދި، މިއަދު ފުލުހުންވަނީ ދައުވާކުރަން ނިންމި 7 މީހުންގެ ފޮޓޮއާއި ވަނަވަރު އާންމުކޮށްފަ އެވެ.
މައްސަލައިގައި ދައުވާކުރާ މީހުންގެ ތަފްސީލު:
- ޝަމާލް ހުސައިން (21އ) / ތ. ގާދިއްފުށި
- ޒަޔާން ނަސީރު (23އ) / އދ. މާމިގިލި
- އަބާން އަބްދުލް ހަންނާން (23އ) / ތ. ދިޔަމިގިލި
- ރަޖުވާން ލަތީފް (22އ) / ލ. މާމެންދޫ
- މިދުހަލު އާދަމް (24އ) / ރ. އަލިފުށި
- މުހައްމަދު ޖަޒްލާން (22އ) / ލ. ގަން
- އަހްމަދު މައިސާން ހާޝިމް (20 / ކ. މާލެ
މި 7 މީހުން ތިބީ ފުލުހުންގެ ބަންދުގަ އެވެ. މީގެ ކުރިންވެސް ފުލުހުން ބުނެފައިވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބާނެ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ހަމަލާ ދީފައިވަނީ، ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހެކެވެ. އެމީހުން މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހުމުން އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.
ޕީޖީ އަށް ދިން ހަމަލާ ފުލުހުން ތަހުގީގުކުރީ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ. ޕީޖީ އަށް ދިން ހަމަލާއަކީ ވަރަށް ދުރާލައި ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށް މީގެ ކުރިން ފުލުހުން ބުނިނަމަވެސް، ހަމަލާ ދިން ސަބަބު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



