ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ފާހަގަކުރައްވީ، ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ތަޤްރީރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާ ވިދާޅުވީ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ވަކި ޚާއްޞަ ޙާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މި ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ޚާއްޞަ ގޮންޖެހުންތަކަކާއި ފުރުޞަތުތަކެއް އެބަހުރިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުނު ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ޙަވާލާދެއްވައި، ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، އެންމެންނަށް ފައިދާ ލިބޭފަދަ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއްކަމާއި، ދިވެހިރާއްޖެއިން މިމަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، އަދި މިކަމުގައި ޗައިނާއާއި އަދި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް, އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވި އެވެ.
2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ކުރިއަށްދާނީ 18 އިން 23 އޯގަސްޓްގެ ނިޔަލަށެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގަންވަ އެވެ.




