މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ބެލުމުގެ ދަށުގައި އޮތް، އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ހިންގަމުން ދިޔަ ކަނޑުއޮތްގިރި ފެސިލިޓީ މޯލްޑިވްސް ނެޝަނަލްޑިފެންސް ފޯސް(ޢެމްއެންޑީއެފް)ގެ ބޭނުމަށް ދޫކޮށްލާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސެނެކޯ މާލަމުގައި، ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.
މިއަދުގެ ޕްރެސްގައި މިފްކޯއަށް ގެންނަމުންދާ ބަދަލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެރަށަކީ ކަންނެލި މަސްވެރިންނަށް ޚާއްސަކޮގެން ހިންގަމުންދިޔަ ފެސިލިޓީއެއްކަމަށާއި، ކަންނެލި މަސްވެރިކަމަށް އޮތް ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދިނުމަށްއޮތް ރަށެއްކަމަށެވެ. އެހެންނަމަވެސް، އެރަށުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހަލެއް ނުގެނެވޭކަމަަށާއި، އެހެންކަމުން އޯގަސްޓް މަހުގެ 4 ވަނަ ދުވަހު ކަނޑުއޮށްގިރި އެމްއެންޑީއެފްގެ ބޭނުމަށް ދޫކުރެވިފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކަނޑުއޮތްގިރި ތަރައްގީކުރަން ދިގު މުއްދަތަކަށް މަސައްކަތްތައް ކުރެވުނު ނަމަވެސް، އެދެވޭ ހައްލެއް ކަނޑުއޮތްގިރިއަށް ނުލިބި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާކަމަށެވެ.
”އެއީ ވަރަށް ބޮޑު ހޭދައެއް ކުރެވިއްޖެ. އެހެންނަމަވެސް މަސްވެރިންނަށް ނޫނޫ ކަންނެލި މަސްވެރިންނަށް ކަނޑު އޮށްގިރީގެ ފަޅަކީވެސް އެދެވޭ ހައްލެއް ލިބުނު ފަޅަކަށް ނުވި.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ގެނައި ބަދަލާ އެކީ، ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) މެދުވެރިކޮށް، ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ކަނޑުއޮތްގިރިން ހައްލު ނުލިބުނު ކަންތައްތަކަށް ހައްލު ލިބޭނޭގޮތަށް ޖާގައެއް ހަމަޖައްސަން މަޝްވަރާކުރަމުން އަންނަކަމަށެވެ. އަދި ހުޅުމާލެއިން ހަމަޖައްސައިދޭ ތަނަކީ ރާއްޖޭގައި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ރަނގަޅު މާހައުލަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓްކުރަމުން އަންނަ ކުދި ވިޔަފާރިތަކުން އެކަމަށް ކުރަމުން އަންނަ ހޭދަ ކުޑަ ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.




