ލޭނު މަސްވެރިކަމާ ދެކޮޅަށް މިހާ ކުރިޔަށްގެންދާ ކެމްޕޭނަކީ، ލޭނު މަސްވެރިކަމުން ލިބިދާނެ ގެއްލުމަކަށްޓަކައި ކުރާ ކެމްޕޭނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓްް މިނިސްޓަރު މުހައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޭނު މަސްވެރިކަމާ ދެކޮޅަށް ބައެއް ފަރާތްތަކުން ކުރިޔަށްގެންދާ ކެމްޕޭނުގައި އުފުލަމުންދާާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ނޫސްވެރިިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްޠަލިބް ވިދާޅުވީ، ހަވާއީގައިވެސް ދުނިޔޭގެ ތިމާވެއްޓާ އެންމެ ރަށްޓެހި އެމްއޭސީ ސެޓިފިކެޓް ލިބިގެން ލޭނު މަސްވެރިކަން ކުރާކަމަށެވެ. އެހެންކަމުން، އެފަދަ ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގައި ރަނގަޅަށް ލޯންގްލައިން ފިޝިންގ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވި އެވެ.
މުއްޠަލިބް ވިދާޅުވީ، ލޭނު މަސްވެރިކަމާ ދެކޮޅަށް ކުރާ ކެމްޕޭނުގައި، ލޭނު މަސްވެރިކަން ކުރާ ގޮތާއި އެ ހިގާގޮތް އޮޅުން އަރާގޮތަށް ހަދަހަދައިގެން މައުލޫމާތު ފަތުރަމުން އަންނަކަމަށެވެ. އެގޮތުން ފޮޓޮއާއި ދޮގު މައުލޫމާތު ހިމަނައިގެން އެކުރާ ކެމްޕޭން ގަބޫލް ނުކުރައްވާކަމަށް ވިދާޅުވިއެވެ.
”މިލަައިން ސެޓްކުރާއިރު ފުރަތަމަ ބޮއި ލަނިން ސެޓްވަނީ 60 މީޓަރު އަޑިން. އޭގެއިތުރުން މީގެ އިންނަކޮޅު، އެ ލައިން މި އިންނަނީ 45 މީޓަރުއަޑީގައި. އެހެންވީމައި މުޅިއެތި ނިމޭއިރު ގާތްގަނޑަކަށް އެބަދޭ ގާތްގަނޑަކަށް 150 މީޓަރުވަރަކަށް އަޑިއަށް. އެހެންވީމައި އެހިސާބުން މިޔަރުޖެހޭނެ. މިޔަރު ނުޖެހުމަކީ އެއީ ވެދާނެކަމެއް ނޫން. އެހެންނަމަވެސް އެމިޔަރަކީ ޖެހޭ ޕަސެންޓަކީވެސް ގާތްގަނޑަކަށް ބާނާމަހުގެ %2. އޭގެއިން އަޅުގަނޑުމެންނަށް ހަޖަމުކޮށްލެވޭވަރުގެ ފިގާއެއްހެން އަޅުގަނޑަށް ހީވަނީ.“ މުއްޠަލިބް ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމުގެ ގަވައިދުގެ ތެރެއިން ބައިކެޗްގެ ގޮތުގައި ނެގޭ މިޔަރު ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމަށް ފުރުސަތު އޮތްކަން ފާހަގަކުރައްވައި މުއްޠަލިބް ވިދާޅުވީ، އެގޮތަށް އެފުުރުސަތު ދެނީ އެ މަރުވާ މިޔަރުން ނަފާވެރިކަމެއް ލިބޭނެގޮތް ފަހިކޮށް ދިނުމުގެ ގޮތުންކަމަށެވެ.
”ދެން އޭގެ އިތުރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށްލަން މަރުވެފައި ނެތް މިޔަރެއް ވެއްޖިއްޔާ ވަގުތުން ދޫކޮށްލަންޖެހޭ. މިޔަރު މަރުވުމަށްފަހު މިޔަރު އެއްލާލިޔަސް މިޔަރު ގެނަޔަސް ތިމާވެއްޓަށް އަންނާނެވަކި ތަފާތެއް ނެތް. އަޅުގަނޑުމެން މި ހުއްދަކުރަނީ، މަރުވާ މިޔަރުލޭނު ކުރަން. އޭގެއިންވެސް އިކޮނޮމިކް ބެނެފިޓްސް ލިބޭނެ. އެހެންނަމަވެސް އަޅުގަނޑުމެން އެންކަރޭޖްކުރާކަމެއްގެ ގޮތުގައެއް ނޫނޭމިކަން މިކުރަނީ.“ މުއްޠަލިބް ވިދާޅުވި އެވެ.
މުއްޠަލިބް ވިދާޅުވީ، ލޭނު މަސްވެރިކަން މިކުރަނީ ތިމާވެއްޓާ ރަށްޓެހި، ނަފާބޮޑު، މަސްވެރިކަމެއްގެ ގޮތުގައި ކަމަށެވެ. އަދި ލޭނު މަސްވެރިކަން މިއަދު ނުކޮށްފިއްޔާމު އަންނަން އޮތް ޖީލަށް ”ޕާސް“ ކުރަން އޮތް ކޯޓާ ގެއްލިގެން ހިނގައިދާނެކަމަށެވެ.
”ކޯޓާ ގެއްލުނީމައި އަޅުގަނޑުމެން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ. މިއަދު ފިޝަރީޒް މިނިސްޓްރީގެ ޕޮލިސީ ލެވެލް އަދި ޓެކްނިކަލް ލެވެލްގައި ތިބި ބޭފުޅުން ޖަވާބުދާރީ ވާންޖެހޭނެ އަންނަން އޮތް ޖެނެރޭޝަންތަކަށް. އެބޭފުޅުން ސުވާލުކުރާނެ، ކީއްވެގެންތޯ ކަލޭމެން މިކަން ނުކުރީ. މިކަން ނުކުރީމައި ކޯޓާ ގެއްލުނީ. ކޯޓާ ގެއްލުނީމައި މަސްވެރިކަމެއް ނަޔޭ.“ މުއްޠަލިބް ވިދާޅުވި އެވެ.
މުއްޠަލިބް ވިދާޅުވީ، ލޭނު މަސްވެރިކަމަށް ހުޅުވާލަނީ، އެކަމަށް އަޅަންޖެހޭ ހުރިހައި ފިޔަވަޅެއް އަޅައި ފުރިހަމަޔަށް ތައްޔާރުވެ، ކަންނެލި މަސްވެރިކަމަށާއި ކަންނެލީގެ މަސްވެރިންނަށް އޭގެ ގެއްލުން ނުވާގޮތަށް ކަމަށެވެ. އެހެންކަމުން މިކަމާ ދެކޮޅަށް ކެމްޕޭންކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް މުއްޠަލިބް ވިދާޅުވި އެވެ.
”މި ޑައިވާސިފައިކޮށްގެން ކަނޑު ނަފާ އެންމެ ރަނގަޅަށް ހޯދަން އެބަޖެހޭ. އަޅުގަނޑުމެން ވަކާލާތުކުރަންވީ އެކަން ކުރެވޭނެގޮތަކަށް. އަޅުގަނޑުމެންނާ ދެކޮޅަށް މިކުރާ ކެމްޕޭންތަކަކީ އަޅުގަނޑުމެން ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން މިއީ މަސްވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކުރެވޭ ކެމްޕޭނަކަށް.“ މުއްޠަލިބު ވިދާޅުވި އެވެ.
ލޭނު މަސްވެރިކަމުގެ ގަވާއިދަށް ކޮމެންޓް ކުރުމުގެ ފުރުސަތު ޑްފިޝަރީޒް މިނިސްޓްރީން ފުރުސަތުދީފައި ވެއެވެ. މިނިސްޓްރީން ބުނީ، މިހާރު ކުރަމުންދަނީ ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަން ނިމުނުހާ އަވަހަކަށް ލޭނު މަސްވެރިކަމަށް ހުޅުވާލާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ލޭނު މަސްވެރިކަން ކުރަން ހުޅުވާލަން ތައްޔާރުވަމުންދާއިރު، ބައެއް މަސްވެރިންނާއި އެންޖީއޯތައް ގުޅިގެން ލޭނު މަސްވެރިކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.



