މޫނު ބުރުގާ އަޅާ މީހުންގެ ވަޒީފާގެ ޙައްޤު ސިވިލް ސާވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސާއިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަު ޝަހީމް މިހެން ވިދާޅުވެފައިވަނީ، ދާދިފަހުން ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްލި މައްސަލަ ފެންމަތިވެ، އާންމުން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުން ދާތީ އެކަމަށް އިޝާރާތް ކުރައްވައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
މިނިސްޓަރުގެ މެސެޖުގައި ވިދާޅުވެފައިވަނީ، މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙްރޫމްވާން ޖެހޭނެ ކަމެއްނޫންކަމަށެވެ. އަދި، ތަހުޒީބު މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެންނަށް ޙައްޤުތައްދީގެންކަން ފާހަގަ ކުރައްވައި، އެކަން ސިވިލް ސާވިސް ކޮމިޝަނުން ފަހިކޮށްދޭން ޖެހޭކަމަށް ވިދާޅުވި އެވެ.
”ތައުލީމީ ގިނަ އަންހެންބޭފުޅުންތަކެއް މޫނު ބުރުގާ އަޅާފައި ތިބޭ. އެފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލްސާވިސް ކޮމިޝަނުން ކަށަވަރު ކުރަންޖެހޭނެ.“ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން މިއަދ ރައީސް ޑރ. މުއިއްޒުވެސް ވަނީ، ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ޤަވާއިދުތަކާއި އުޞޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.



