މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އޭނާ ވަކިކުރަން ފެންނަކަމަށް ފާސްކޮށްފި އެވެ.
މި ގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނެގި ވޯޓަކުންނެވެ. އެކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލްއާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އެކަމަށް ތާއީދު ނުކުރައްވައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވަކިކުރަން ފެންނަކަމަށް ފާސްކޮށްފައި މިވަނީ، އެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި މިއަދު އޭނާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދީފައި ވެއެވެ. އެކޮމިޓީ ލައިވްކުރަން ޝަމީމް އެދިވަޑައިގެންނެވިނަމަވެސް އެކޮމިޓީ ކުރިޔަށް ގެންދިޔައީ ސިއްރުކޮށްނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްކަމުގެ މަގާމުން ހުސެއިން ޝަމީމު ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ، މިމަހުގެ 14ވަނަ ދުވަހު އެވެ. ޝަމީމް ވަކިކުރުމުގެ މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.
ޝަމީމަށް، ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ނުކުރޭވޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ކުރީ ސަރުކާރުން ހިންގި ވެންޓިލޭޓަރު މުއާމަލާތުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުމާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެވުނު ރޭޕްގެ ތުހުމަތުގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫގްގެ މައްސަލަ ފައިލް ނުކުރަން ނިންމުން ހިމެނެއެވެ. އަދި، އެއްޖިންސުން ގުޅުން ހިންގުމުގެ ބައެއް ދައުވާތައް އަނބުރާ ގެންދިއުމާއި، ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައިވެސް ތަފާތުކުރުން ގެންގުޅުއްވާކަމަށްވެސް ތުހުމަތު ކުރައްވާފައި ވެއެވެ.



