20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން %82.9 މައްސަލަ ނިމިފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ގޮސްފައިވާ ހިސާބު އަދާހަމަކޮށްދެއްވަމުން ނާޒިމް ވިދާޅުވީ، 28 މެއި އިން 22 އޯގަސްޓްގެ ނިޔަލަށް 23 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، 11 ބިލެއްގެ މަސައްކަތް ކޮމިޓިތަކުން ކޮށްފައިވާކަމަށެވެ. އަދި، 12 ސުވާލު ހުށަހެޅިފައިވާއިރު 12 ސުވާލަށްވެސް ޖަވާބު ދެވިފައިވާކަމަށް ވިދާޅުވިއެވެ.
މަޖިލިސްއަށް ހުށަހެޅުއްވި މައްސަލަތަކުގެ ތަފްސީލު ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، ސަރުކާރުން ހުށަހެޅުއްވި 9 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅުއްވި 13 މައްސަލައަކާއި، އެހެނިހެން މައްސަލަތަކާ ގުޅޭގޮތުން 9 ރިޕޯޓެއްގެ މައްސަލަ ހިމެނޭގޮތަށް، %82.9 މައްސަލަ ވަނީ ނިމިފައިވާކަމަށެވެ.
މަޖިލިސްގެ މިއަދުގެ ޖަލްސާ ނިންމާލެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ ޖަލްސާ މިރޭ 09:00 ގައި ބާއްވަން އިއުލާނުކުރެއްވުމަށް ފަހުގަ އެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ނާޒިމް އެވެ



