ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރު ކުރާތަނެއް ރެއިޑްކޮށް 10 ބިދޭސީން ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، މި މީހުން ހައްޔަރުކުރީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފުޅާދާއިރާއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ހިންގި މިއޮޕަރޭޝަނުގައި މ. ތްރީ މޫން، ބަލައި ފާސްކޮށް، އެތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 10 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ހައްޔަރު ކުރި ބިދޭސީން އެތަނުގައި ތައްޔާރުކުރަމުންދިއަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެންހުންނަ ތެލުލިފަތް، މަސްމިރުސް، ހިކިމަސް އަދި ލުއިކާނާގެ ބާވަތްތައް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ހިންގާ އޮޕަރޭޝަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ ބިދޭސީންތަކެއް އަތުލައިގަނެފައި ވެއެވެ. އެމީހުން އެތަކެތި ތައްޔާރުކުރާ ތަންތަނަކީ އާންމު ސާފު ތާހިރު މިންގަނޑަށް ނުފެތޭ މުޑުދާރު ތަންތަންކަމަށްވުމާއެކު އިމިގްރޭޝަނުން ދަނީ މި ފަދަ މައްސަލަތައް ހަމާގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ.




