“ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިއްލީގަލް އެކްސްޕެޓް އޮޕަރޭޝަންސް” ގެ ދަށުން ހިންގާ ރެއިޑްތަކުގައި ބަންދުކުރާ ތަންތަން އަލުން ހުޅުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެން ކަމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިޝާމް ވިދާޅުވެއްޖެއެވެ.
ޓާސްކްފޯސްއަށް ގެނައި ބަދަލުތައް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިސާމް ވިދާޅުވީ، ޓާސްކްފޯސް އިން ކުރިޔަށް ގެންދިޔަ ރެއިޑްތަކުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ ޚިލާފް ތަންތަން ފާހަގަކުރެވޭ ކަމަށާއި، އެހެންކަމުން އެމިނިސްޓްރީގެ އަމާޒަކަށްވާނީ ކުރިޔަށް އޮތް ތާނގައި ޓާސްކްފޯސްއާ ގުޅިގެން ބަލާފާސްކުރާ ތަންތަނުގެ ތެރެއިން ރަޖިސްޓްރީނުކޮށް ކުރާ ވިޔަފާޜީގެ އެއްވެސް މުއާމަލާތެއް ހިންގާ ތަނެއް ހުރިނަމަ އެތަނަކަށް ފިޔަވަޅު އެޅުން ކަމަށެވެ. އަދި، އެތަންތަނުގައި ކުރާ ވިޔަފާރި ނޫނީ މަސައްކަތް ހުއްޓުވާނެކަމަށާއި އަލުން ހުއްދަދޭނީ ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ޚާއްސަ ހުއްދައަކާއެކުގައި ކަމަށެވެ.
”ޓާސްކްފޯސްގެ މަސައްކަތުގެތެރެއިން ހުއްޓުވުމަށް ނިންމާ ތަންތަން އަލުން ރަޖިސްޓްރީ ހޯދައިގެން ގާނޫނާއި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރަން ފުރުސަތު ދެވޭނީ މިނިސްޓްރީން ޚާއްސަ ހުއްދައެއް ނަގައިގެން. އެކަމާ ގުޅޭ އިޖުރާއަތުތައް އަޅުގަނޑުމެން ހާމާކޮށްފައި ވާނެ.“ ވިސާމް ވިދާޅުވި އެވެ.
ވިސާމް ވިދާޅުވީ، ޓާސްކްފޯސް މަސައްކަތުގެ ތެރެއިން ބަލާފާސްކުރުމުގެ މަރުހަލާގެތެރޭގައި އެންމެ އިސްކަމެއް ދޭނީ އެތަންތަނަކީ، ވިޔަފާރިއަށް ރަޖިސްޓްރީކޮށްފައިވޭތޯއާއި ވިޔަފާރި ހަރަކާތައް ރަޖިސްޓްރީކޮށްފައިވޭތޯ ކަށަވަރުކުރުން ކަމަށެވެ. އަދި، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު ނުވަތަ އެހެން ގާނޫނަކުން ނުވަތަ ގާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއް ނުވަތަ ލައިސަންސް ނުވަތަ ހުއްދަ ނަގާފައިވޭތޯ ބަލައި، ލާޒިމްކުރާ ކަންކަން ނުކޮށް ނުވަތަ ހުއްދަ ނުަވތަ ލައިސަންސް ނުނަގާ ވިޔަފާރި ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށެވެ.
ވިސާމް ވިދާޅުވީ، ބަލާ ފާސްކުރަމުންދާއިރު ހަމައެކަނި ބަލާނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް ނޫންކަމަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ދިވެއްސެއްގެ ނިވާފަތްގަނޑުގައި ބިދޭސީ ފަރާތެއް މާލީ މަންފާ ހޯދަން އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކުރުމަކީ މަނާކަމުން، ޓާސްކްފޯސްގެ މަސައްކަތުގެ ތެރެއިން އެފަދަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅާނެކަމަށެވެ.



