ކެބިނެޓްގެ ނިންމުމާ އެއްގޮތަށް މިފްކޯއިން ކ. ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދޫކޮށްލާފައިވާތީ އެތާނގައި ކުރަމުން ދިޔަ މަސައްކަތްތައް ފެލިވަރަށް ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯއިން ބުނީ މިމަހުގެ 4 ވަނަ ދުވަހު ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރަން ކެބިނެޓުން ނިންމީ، ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައަޅައިދޭގޮތަށް ކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ހުޅުމާލެއިން ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭފަރާތްތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް މިމަހުގެ 7 ވަނަ ދުވަހު ރައީސް އޮފީހުން ވަނީ މިފްކޯގެ އިތުރުން އެޗްޑީސީއަށްވެސް އަންގާފައިވާތީ، އެޗްޑީސީއާއެކު މިހާރު އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަކަަމަށެވެ.
ޖުމްލަ 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެއެވެ. އަދި އެ ފެސިލިޓީން މަސްވެރިންނަށްވެސް އައީ ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައީ އައިސް ދޫކުރަމުންނެވެ. ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސް ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުން އައީ ކަނޑުއޮތްގިރީގައެވެ.
ކެބިންޓެގެ ނިންމެވުމާއެކު ކަނޑުއޮތްގިރި ފެސިލިޓީގެ މަސައްކަތް މިވަގުތަށް މެދުކެނޑިފައިވީނަމަވެސް މިފްކޯއިން މިހާރު ދަނީ އެ މަސައްކަތް ފެލިވަރުގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އަދި އެކަމަށް ވަގުތުތަކެއް ނަގާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
”ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ. ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު އެހާމެ ބޮޑުވެފަ މިއީވެސް އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް.“ މިފްކޯއިން ބުންޏެވެ.
ކެބިނެޓްގެ ނިންމެވުމާއެކު މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަންޖެހެއެވެ. އަދި މިކަމާގުޅިގެން އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން މިހާރު ކުރިއަށް ގެންދަނީ ފެލިވަރުގައި ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި އެއީ ވަގުތީ ހައްލެއް ނަމަވެސް އެކުންފުނިން އަމާޒު ހިފާފައި ހުރީ، ލިބިފައިހުރި އިންވެސްޓްމެންޓު ފުރުސަތުތަކުގެ ބޭނުން ހިފައި، ވީހާވެސް އަވަހަކަށް ހުޅުމާލެއިން އެމަސައްކަތް ކުރުމަށް އެކަށީގެންވާ ބިން ހޯދައިގެން ފުޅާދާއިރާއެއްގައި އެ ހިދުމަތްތައް އަލުން ދިނުމަށް ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
އިއްޔެ މިފްކޯގެ މެނޭޖުމެންޓާއި އެމްއެންޑީއެފްގެ އިސް އޮފިޝަލުން ވަނީ ކަނޑުއޮތްގިރިއަށް ވަޑައިގެން ސައިޓް އިންސްޕެކްޝަނެއް ހައްދަވާފައެވެ.



