ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ހާސިލްކުރެވޭނެ ލަނޑުދަނޑިއެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެެ ފުވައްމުލައް ސިޓީގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވައި، ދެއްކެވި ވާހަކަފުޅުގަ އެވެ. ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އެންމެ ފުޅާ ދާއިރާއެއްގައި ފެށިގެން ދިޔައީ ފުވައްމުލަކު ސިޓީގައި ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން 1 ލައްކައަށްވުރެ ގިނަ ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 4 ލައްކަ ގަސް އިންދިފައިވާ ކަމަށެވެ. އެހެންކަމުން މިއީ ހާސިލުކުރެވޭނެ ލަނޑުދަނޑިއެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެެވެ.
”އަޅުގަނޑު ހަމަ ފާހަގަކޮށްލަން މިއަދުގެ މިހާތަނަށް 1.4 މިލިޔަން ގަސް މި ވަނީ ޕްލެޖްކޮށްފައި އެކި ފަރާތްތަކުން އިންދަން. އަދި މިހާތަނަށް ދިޔަ އިރު 4 ލައްކަ ގަސް އިންދިފައި މި ވަނީ މި ޕްރޮގްރާމްގެ ތެރެއިން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް“ ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މިޕްރޮގްރާމަކީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފުވައްމުލަކުގައި ރަށަށް ބޭނުންވާ އަދި މަދުވެފައިވާ ގަސްތައް އާލާކޮށް، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.



