ހަމަ އެކަނި ޓެސްޓްތަކަކުން ފާސްވެ ލިބޭ ނަތީޖާއަކުން ދިރިއުޅުުމަށް ބޭނުންވާ ހުރިހައި ހުނަރެއް ނުލިބޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ވިލާ ހައި ސުކޫލުގެ އަހަރީ އިނާމުދިނުމަށް، ރޭ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސުކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
”ޙަޤީޤަތުގައި އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ހަމައެކަނި ޓެސްޓްތަކަކުން ފާސްވެގެން އަޅުގަނޑުމެންނަން ލިބޭ ނަތީޖާއަކުން އިންސާނަކު ދިރިއުޅުމަށް މިއަދު ބޭނުންވާ ހުރިހައި ހުނަރުތަކެއް މުޅިއަކުން އަދިނުލިބެ“ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ އެ މާއްދާތައް ކިތަންމެ މުހިންމު ކަމަށް ވިޔަސް، އިންސާނަކު އުފެދިފަ ހުންނަ ގޮތުން ކޮންމެ އިންސާނަކަށް ވެސް އޭނާކުރަން އެންމެ ޝައުޤުވެރިކަން ހުންނަ ކަންތައްކުރުމުގެ ދާއިރާ އޮންނަނީ ވަރަށް ފުޅާވެފައި ކަމަށެވެ. އެހެންވީމާ ހަމަ އެކަނި ގަލަމު ތުނޑުން ނުވަތަ ހަމައެކަނި ލިޔެކިޔުމުން ކަމެއް ކުރުމުގެ ބަދަލުގައި މަސައްކަތްތެރިކަން، އިންޖިނޭރިންގ ނުވަތަ މިނޫން ވެސް ދާއިރަތަކުން ކިޔެވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މިއީ ކުރިޔަށް މި އޮތް ޖީލުތަކަށް ވިސްނާ އިރު، ތަޢުލީމީ ގޮތުން ކުރިޔަށް ދާން ބޭނުންވާ ކޮންމެ ކުއްޖަކު، ތަޢުލީމީ ގޮތުން އުނގެނެން ބޭނުންވާ ކޮންމެ ބެލެނިވެރިއަކު މިއަދު ވަރަށް ބޮޑަށް ވިސްނާ ފިކުރުކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
”ތެދުފުޅެއް އަޅުގަނޑު ވެސް ވަރަށް އުފާވެ އަޅުގަނޑުގެ ދަރިއެއް ޑޮކްޓަރަކަށްވީމަ. އަޅުގަނޑު ވެސް ވަރަށް އުފާވެ އަޅުގަޑުގެ ދަރިއެއް ޕައިލެޓަކަށް ވީމަ . އެކަމަކު މިއަދު ދިވެހިރާއްޖޭގައި ޤަބޫލުކުރަން ޖެހޭ އަނެއް ޙަޤީޤަތަކީ މިދެންނެވި ދާއިރާތަލކުން ކިޔެވިކަމަށް ވިޔަސް ރާއްޖޭގެ ޖޮބް މާކެޓްގައި ކަންކަން ހުރި ގޮތަށް ވިސްނައިގެން އެފުރުޞަތު ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށްވާ ނަމަ އަލުގަނޑުމެން އުނގެނުމުގައި، އެ ދަސްކުރާ އެއްޗެއްގެ ނަތީޖާ އެންމެ ފުރިހަމަ ގޮތުގައި އޭގެ ބޭނުންކުރުމުގެ ފުރުޞަތު ދިވެހިރާއްޖޭގައި ހަނިކަން“ އާދަމް ޝަރީފު ޢުމަރު ވިދާޅުވި އެވެ.
ރޭ ބޭއްވި ”ވިލާ ހައި ސުކޫލުގެ ޕްރައިޒް ޑޭ 2024“ ގެ ބެސްޓް އޯލް ރައުންޑަށް ހޮވުނު ގްރޭޑް 12 އޭގެ ދަރިވަރު އަޙްމަދު ޒާހް ވަދީފަށް ސެޓްފިކެޓާއި، ޓްރޮފީއާއި، ވިލާ ގްރޫޕުގެ ވެރިޔާ ޤާސިމް އިބްރަހީމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒް ދެއްވާ އިނާމު ޙަވާލުކޮށް، ފަށްޓަރު އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.



