ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ސިންދަފާތުކޮށް މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި އަލުން ލޭނު މަސްވެރިކަމަށް ހުޅުވާލުމަށް ނިންމާފަ އެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ “ ދިވެހި ރާއްޖޭގައި ލޭނު މަސްވެރިކަމާ ބެހޭ ގަވާއިދު“ އެއް އެކުލަވާލާފަ އެވެ.
ލޭނު މަސްވެރިކަމުގެ ޤަވާއިދުގައިވާ ގޮތުން، ރ. އަތޮޅު އަލިފުށީގެ އުތުރުން އެއްވެސް ސަރަޙައްދެއްގައި ލޭނު މަސްވެރިކަން ކުރުން މަނާކޮށްފައިވެ އެވެ. މިއީ ދިވެހިރާއްޖޭގައި ކުރާ ރީނދޫއުރަހަ ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަޙައްދެވެ.
މި ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭ ސަރަހައްދުތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ޠޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަޙައްދުގަ އެވެ.

މީގެ އިތުރުން، ދޮށީގެ ނުވަތަ އަތު ނަނުގެ މަސްވެރިކަން ކުރަންތިބި މީހުން ކުރާ މަސްވެރިކަމަށް ދަތިވާގޮތަށް، ލޭނު މަސްވެރިކަން ކޮށްގެން ނުވާނެކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.
ރ. އަތޮޅު އަލިފުށީގެ އުތުރާއި އިރުމަތީ އަދި ހުޅަނގު ފަރާތުގައިވެސް ލޭނު މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ގަވައިދުގެ ދެލިކޮޕީއަށް ޚީޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ދީފަ އެވެ. ފިޝަރީޒް މިނިސްޓަރު އަހަމްދު ޝިޔާމް ވިދާޅުވީ، ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެއީ ”ޖެނުއިން“ ޝަކުވާއެއް ނަމަ އޭގެ ބޭނުން ހިއްޕަވާނެކަމަށެވެ. އަދި އިޖުރާއަތްތައް ފުރިހަމަކޮށް، ލޭނު މަސްވެރިކަމަށް ހުޅުވާލެވޭނީ އަންނައަހަރުގެ ފެބްރުއަރީމ މަހުކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.



