ޕަބްލިކް ސަރވިސް މީޑިއާ، (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޒީނާ މިއަދު ހަވީރު އިސްތިއުފާދެއްވާފައިވާއިރު، އިސްތިއުފާ ދެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރޮޓައިޒޭޝަން(ޕީސީބީ)އަށް ވަނީ އަންގާފައެވެ. އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަމެއް އާންމުކުރައްވާފައެއް ނުވެއެވެ. ޕީސީބީއިން ވެސް އަދި ރައީސް އޮފީހުންވެސް ޒީނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާހުރެ ކަމެއް ބުނެފައެއް ނުވެއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަން ވެސްކުރައްވާފައުވާ ޒީނާ ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
17 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ޒީނާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ގެންދެވީ ’ޒީ ޓައިމްސް‘ ގެ ނަމުގައި އަމިއްލަ ނޫހެއް ހިންގަވަމުންނެވެ.



