ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރާތީ ’ސެލޫން ބައި ރިޒް’ގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑީޕޯޓުކޮށްފި އެވެ.
”ރިޒްގެ“ ގެ ނަމުން މަޝްހޫރުވެފައިވާ ”ރަޖަނީ ޝްރެސްތާ“ ހައްޔަރުކުރީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުންދާކަމަށް ”އިމިގްރޭޝަން ވޮޗް“ އަށް ރިޕޯޓްކުރި ޝަކުވާއަކާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނަށް ފަހުގަ އެވެ.
މޯލްޑިވްސް އިމިގެްރޭޝަނުން ބުނީ، އެ އިންސްޕެކްޝަންގައި، ރިޒް އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ ކަން އެނގުމުން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، މިމަހުގެ 13 ވަނަ ދުވަހު ޑީޕޯޓްކޮށްލާފައި ވާކަމަށެވެ. އަދި، އޭނާގެ 04 ބިދޭސީ މުވައްޒަފުންވެސް ސައްހަ ވިސާއެއް ނެތި މަސައްކަތްކުރަމުން ގެންގޮސްފައިވާތީ، އެމީހުންވެސް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސް، އޮގަސްޓު 13 ވަނަ ދުވަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި، ދޫކުރެވިފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ކަމާގުޅޭ އިދާރާތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ދަނީ ޚާއްސަ އޮޕަރޭޝަންތައް ހިންގައި އެފަދަ މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހަޅާ ޝަކުވާގެ މައްޗަށް ބިނާކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގައި، އެފަދަ ފަރާތްތަކަށް ދަނީ ފިޔަވަޅު އަޅަމުންނެވެ.
ހޯމްލޭނޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، ރާއްޖޭގެ ގާނޫނުތަކާއި ޚިލާފަށް އެއްވެސް ބިދޭސީއަކަށް ރާއްޖެ އުޅުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި، ބިދޭސީން ގެނެސް އެމީހުން ލައްވާ އެފަދަ ކުށްތައް ހިންގާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.



