ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފު ރާއްޖޭގައި ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް އަމާޒުކޮށް ނަސޭހަތުގެ ބަސްކޮޅެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކުރައްވައިފި އެވެ.
އިއްޔެ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ކޮންމެ ކަމަކަށް ވެސް ވަގުތެއް ކަނޑައެޅިފައިވާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ލިބުނު ވަގުތަށް ޝުކުރުވެރިވުން ކަމަށެވެ.
”އެ ލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ގަދަރާއި އުފާވެރިކަން މާ ރަނގަޅު. އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ“ އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.
އެއީ ކޮން ފަރާތަކަށް އަމާޒުކޮށް ލިޔުއްވި މެސެޖެއްކަމެއް ނޭނގިގެން ގިނަ ބަޔަކު އެކަމާ ވާހަކަ ދައްކަމުން ދަނިކޮށް މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިއްޔެގެ މެސެޖަކީ ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްދުކޮށް ލިޔުއްވި މެސެޖެއްކަމަށެވެ. އެމެސެޖުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެވެރިންނާއި، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްޢޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.
https://t.co/HW9mixT84N pic.twitter.com/ULdZvLpanj
— Hussain Mohamed Latheef (@HucenSembe) August 25, 2024
ނައިބު ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ވެރިކަމުގެ މުއްދަތު ހަމަވުމުން އެކަމަށް އިޙްތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުން ކަމުގައި ޤަބޫލުކުރައްވާކަމަށެވެ. އަދި، އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވާނެކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައި ވެއެވެ.




