ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހިމެނޭ 7 މީހުންނަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޝަމީމަށް ހަމަލާދިނުމުގައި ޝާމިލުވިކަމަށް ތުހުމަތު ކުރެވޭ ހަތް މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާކޮށްދިނުމަށް މިމަހުގެ 18 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހުގައި އެދުނެވެ.
މި މައްސައިގައި މިއަދު ޕީޖީ އޮފީހުން ބުނީ، އެ ހަތް މީހުންގެ މައްޗަށް ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާކޮށް، މި ދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލައިގައި ދައުވާކުރާ މީހުންގެ ތަފްސީލު:
- ޝަމާލް ހުސައިން (21އ) / ތ. ގާދިއްފުށި
- ޒަޔާން ނަސީރު (23އ) / އދ. މާމިގިލި
- އަބާން އަބްދުލް ހަންނާން (23އ) / ތ. ދިޔަމިގިލި
- ރަޖުވާން ލަތީފް (22އ) / ލ. މާމެންދޫ
- މިދުހަލު އާދަމް (24އ) / ރ. އަލިފުށި
- މުހައްމަދު ޖަޒްލާން (22އ) / ލ. ގަން
- އަހްމަދު މައިސާން ހާޝިމް (20 / ކ. މާލެ
މިހަތް މީހުންވެސް ތިބީ، މައްސަލައިގެ ޝަރީއަތް ނިމެންދެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު، ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާ ދަރިފުޅު ސްކޫލަށް ގެންގޮސް، އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިންނެވެ. ހަމަލާ ދީފައިވަނީ، ސައިކަލެއްގައި ފާރަލަމުން ދިޔަ ދެ މީހެކެވެ. އެމީހުން މަރުތޭލަކުން ޝަމީމްގެ އަތުގައި ޖެހުމުން އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.
ޝަމީމަށް ދިން ހަމަލާގައި ޝާމިލުވި މީހުންނަށް ދައުވާ ކުރަން ފޮނުވާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފައިވަނިކޮށްނެވެ.




