ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ)އިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ، އ ކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. އަދި އެ ސްޓޭޝަން ގާއިމުކުރުމަށް މާލެ ސިޓީކައުންސިލާއި މަޝްވަރާކޮށްފައިވާކަމަށާއި، އެކަމުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ސިޓީ ކައުންސިލްުން ދީފައިވާކަމަށް ސްޓޭލްކޯއިން ބުނެފައި ވެއެވެ.
”މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، މާތްﷲގެ ވާގިފުޅާއެކު ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ.“ ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން މި ސްޓޭޝަން ގާއިމުކުރަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި، ޤައުމަށާއި ދުނިޔެއަށް އަންނަމުންދާ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ސްޓެލްކޯއިން ބުނެފައި ވެއެވެ.



